އިންޑިއާގެ ސިފައިން ރާއްޖޭން ބޭލުމަށް ގޮވާލައި، އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ތެރެއިން ހައްޔަރުކުރި އެންމެން މިހާރު ދޫކޮށްލައިފިއެވެ.
ފުލުހުން ބުނީ އިއްޔެގެ އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި މީހުންގެ ތެރެއިން 2 މީހަކު ފިޔަވާ ދެން ތިބި އެންމެން ރޭގެ ވަގުތެއްގައި ދޫކޮށްލި ކަމަށެވެ. އަދި އަނެއް ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމަން މިއަދު ކޯޓަށް ހާޒިރުކުރުމުން ޝަރުތުކުރުމަށް ފަހު ކޯޓުން އެމީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
އިއްޔެގެ އިހުތިޖާޖުގައި ފުލުހުން 29 މީހަކު ހައްޔަރުކޮށްފައި ވާއިރު، އޭގެ ތެރޭގައި ފުލުހަކަށް ހަމަލަދީ މާރާމާރީ ހިންގައި، ވެހިކަލަކަށް ގެއްލުންދިން މީހަކާއި މާލެ ތެރެއަށް އިހުތިޖާޖު ކުރަން ނުކުމެ ފުލުހުންގެ ވާޖިބަށް ހުރަސް އެޅި މީހުން ހިމެނެއެވެ.
އިއްޔެ ހަވީރު 4 ޖެހިއިރު ޕީޕީއެމްގެ އޮފީސް ކައިރިން ބޮޑުތަކުރުފާނު މަގުން އިހުތިޖާޖު ކުރިއަށް ގެންގޮސްފައި ވާއިރު، އެ ސަރަހައްދަށް ގިނަ ބަޔަކު އެއްވިއެވެ. އެ ސަރަހައްދުގައި ފުލުހުންވެސް ހަރަކާތްތެރިވަމުން ގޮސްފައި ވާއިރު، އެ ސަރަހައްދު އޮތީ ބެރިކޭޑު ޖަހައި ބަންދުވެސް ކޮށްފައެވެ.
އިންޑިއާ ސިފައިން ބޭރުކުރަން ގޮވާލާ ސިލްސިލާކޮށް ކުރިއަށް ގެންދާ ހަރަކާތުގައި އިންޑިއާ ސިފައިން، މިހާރުން މިހާރަށް މި ގައުމުން ބޭރު ކުރުމަށް ގޮވާލާއިރު، މީގެ އިތުރުން ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން އިންޑިއާ އެކު ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމަށް ވެސް ދަނީ ގޮވާލަމުންނެވެ.
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކޮށްލުމަށް ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތް، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ވުމާ އެކީ އިތުރަށް ވަނީ ފުޅާ ކޮށްފައެވެ. އެގޮތުން މި ހަރަކާތް މާލޭގެ އިތުރުން ރަށް ރަށުގައި އަދިވެސް ކުރިއަށް އެބަ ގެންދެއެވެ.