ކޮމަންޑުއާއި އެ ރަށުގެ ހުޅަނގު ފަރާތުން އެއް ފަޅެއްގެ ތެރޭގައި އޮންނަ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މިއަހަރު ފައްޓަވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ވެރިކަން ކުރާ އެމްޑީޕީން ކޮމަންޑޫ ދާއިރާއަށް ވާދަކުރައްވާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕޭން އިފްތިތާހު ކުރުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރިޔާސީ ކެމްޕޭނުގައި ކޮމަންޑޫގެ ރައްޔިތުންނަށް ވެފައިވާ ވައުދެއް ކަމަށާއި، "ކޮންމެ ގޮތަކަށް ކަންތައް ދިޔަޔަސް މި ސަރުކާރުން ކޮމަންޑޫ ރައްޔިތުންނަށް މި ވައުދު ފުއްދައިދޭނެ" ކަމަށެވެ.

"މިއަކާ ކެމްޕޭނާ ގުޅުމެއް ނެތް. މިއީ ހަމަ ފުލް ސްޕީޑުގައި އަވަހަށް ކޮށް ނިންމާލަން ޖެހޭ ކަމެއް." ރައީސް ވިދާޅުވިއެވެ.

ހަމަ އެހެންމެ، އެ ދެރަށް ގުޅާލުމުގެ މަސައްކަތް ކުރުމުގެ ޕްލޭންތައްވެސް ނިމިފައިވާ ކަމަށާއި، ހަފްތާއެއްހާ ދުވަހުގެތެރޭ އެ ޕްލޭންތައް އާންމު ކުރައްވާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ކޮމަންޑުއާއި މަތި ކޮމަންޑޫ ގުޅާލުމަކީ އެ ރަށު ރައްޔިތުންގެ ވަރަށް ބޮޑު އެދުމެކެވެ. އެގޮތުން، އެ ރަށަށް ބިމުގެ ދަތިކަމާ ކުރިމަތިލާން ޖެހިފައިވާއިރު، އެ ރަށު ކައުންސިލްގެ ރައީސް މުހައްމަދު ޝިނާން ވަނީ ރައްޔިތުން އެދޭ ގޮތަށް މަތި ކޮމަންޑޫ ގުޅާލުން އަވަސް ކޮށްދެއްވުމަށް ރައީސަށް ހުށަހަޅުއްވާފައެވެ.