އިންޑިއާގެ ޗީފް އޮފް ޑިފެންސް ސްޓާފް ޖެނެރަލް ބިޕިން ރާވާތުގެ ދެކަނބަލުންނާއި އިތުރު ބައެއްގެ ފުރާނަ ގެއްލިދިޔަ ހެލިކޮޕްޓަރު ވެއްޓުމުގެ ހާދިސަ ހިނގާފައި ވަނީ ކުރޫގެ އިހުމާލުންކަން ދޭހަވާފަދަ މޭރުމަކުން އިންޑިއާ މީޑިއާގައި އަޑު ފެތުރިއްޖެއެވެ.

ކަމާ ބެހޭ މައުލޫމާތު އެނގޭ މަސްދަރުތަކާ ހަވާލާދީ އިންޑިއާ މީޑިއާއިން ބުނާ ގޮތުގައި، ޑިސެމްބަރު 2021 ގެ ހާދިސާ ހިނގާފައި ވަނީ، ޕައިލެޓަށް ހެދުނު ގޯހެއްގެ ސަބަބުންނެވެ. ނަމަވެސް، އެކަމުގެ އިތުރު ތަފްސީލެއް ހާމަ ކޮށްފައެއް ނުވެއެވެ.

ޖެނެރަލް ބިޕިން ރާވާތާއި އަނބިކަނބަލުން މަދޫލިކާގެ އިތުރުން، އަސްކަރީ ބާރުތަކުގެ 12 މެންބަރެއްގެ ފުރާނަ ގެއްލިދިޔަ ހާދިސާގައި ހެލިކޮޕްޓަރު ވެއްޓިފައި ވަނީ ފަރުބަދަމަތީ ސަރަހައްދަކަށެވެ. ހާދިސާ ހިނގި ދުވަހަކީ ދުރު ފެންނަ ނިސްބަތް ކުޑަ ދުވަހެއް ކަމަށާ، މޫސުން ގޯސްވެފައި އޮތުމަކީ ހާދިސާ ހިނގުމަށް މެދުވެރިވި ސަބަބެއް ކަމަށް ބައެއް މަސްދަރުތަކުން ބުނެއެވެ.

ޖެނެރަލް ބިޕިން ރާވާތު އަވަހާރިވި ހާދިސާގެ ތަހުގީގު ހިންގުމަށް 3 ފަރާތް އެކުލެވޭ ހާއްސަ ޓީމަކުން ދަނީ މަސައްކަތް ކުރަމުންނެވެ. ޓީމުގައި އިސްކޮށް ހުންނަވަނީ އިންޑިއާ އަސްކަރިއްޔާގައި ހެލިކޮޕްޓަރު ދުއްވުމާ ހަވާލުވެ ހުންނަވާ އިސް ޕައިލެޓް، އެއާ މާޝަލް މަވެންދްރާ ސިންހްއެވެ.

ހާދިސާގެ ތަހުގީގު ރިޕޯޓް ހުށަހެޅުމުގެ ކުރިން، ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބަލާ، ފުރިހަމަ ކުރަން ޖެހޭ ހުރިހާ އިޖުރާއަތެއް ފުރިހަމަ ކުރާނެ ކަމަށްވެސް އިންޑިއާ މީޑިއާއިން ވަނީ ރިޕޯޓް ކޮށްފައެވެ.