ނޭޕާލްގެ ވެރިރަށް ކަތުމަންޑޫގެ އެއާޕޯޓަކުން ފުރަން އުޅުނު ކުޑަ ބޯޓެއް ރަންވޭ މަތިން ކަހާލައިގެން ގޮސް ވެއްޓި ހިނގި އެކްސިޑެންޓެއްގައި ގޮވާ 18 މީހަކު މަރުވެއްޖެއެވެ.

ސައުރުޔާ އެއާލައިންސްގެ މި ކުޑަ ބޯޓު ގޮވި އިރު އޭގައި 19 މީހުން ތިބި ކަމަށާއި މިހާދިސާގައި 1 ސަލާމަތްވި ކަމަށް އެގައުމުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީން ބުނެއެވެ.

މި ބޯޓަކީ މެއިންޓެނަންސް އަށް ކައިރީގައި އޮންނަ ޕޮކާރާއަށް ދިޔުމަށް ތާވަލްކޮށްފައި އޮތް ބޯޓެކެވެ.

ނޭޕާލަކީ ފަރުބަދަމަތީގެ ގައުމެއް ކަމަށް ވުމާއި ވެރިރަށް ކަތުމަންޑޫގެ އެއާޕޯޓު ހަދާފައި އޮންނަ ސަރަހައްދަކީވެސް ފަރުބަދަ ގިނަ ހިސާބަކަށް ވުމާއެކު ނޭޕާލް ފާހަގަ ކުރެވިފައި އޮންނަނީ ވައިގެ ހާދިސާތައް ހިނގުން އާންމު ގައުމެއްގެ ގޮތުގައެވެ.

މީގެ ކުރިންވެސް ވެސް ކަތުމަންޑޫއިން ޕޮކާރާއަށް ދަތުރުކުރަމުން ދިޔަ ކިތަންމެ އުޅަނދެއް ވެއްޓި ގޮވި ހާދިސާތައް ހިނގާފައި ވެސް ވެއެވެ.

ދުނިޔޭގެ އެންމެ އުސް ފަރުވަބަ މައުންޓް އެވަރެސްޓް އާއެކު ދުނިޔޭގެ ނިސްބަތުން އެންމެ އުސް 14 ފަރުބަދައެއް ނިސްބަތްވަނީވެސް ނޭޕާލަށެވެ.

މޫސުމީ ކުއްލި ބަދަލުތަކާއެކު, އެއާޕޯޓު ފެނުމަށް ދަތިއުނދަގޫތައް ދިމާވުމުގެ ކިތަންމެ މައްސަލަތަކެއް ޕައިލެޓުންނަށް ވެސް ދިމާވެއެވެ.