އަވަށްޓެރި ނޭޕާލްގެ ޕޮކާރާއިން ފުރައިގެން ޖޮމްސޮމްއަށް ދަތުރު ކުރަމުން ދަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައި ވީ ނުވީއެއް ނޭނގި ގެއްލުނު ޓާރާ އެއާގެ ފްލައިޓް ވެއްޓިފައި ވާ ކަމަށް ހަބަރު ލިބިއްޖެއެވެ.

19 ފަސެންޖަރުންނާއި 3 ކުރޫއިންނާއެކު ދަތުރު ކުރަމުން ދިޔަ ފްލައިޓްގައި ނޭޕާލްގެ 13 މީހެއްގެ އިތުރުން އިންޑިއާގެ 4 ރައްޔިތަކާއި ޖަރުމަނުގެ 2 ރައްޔިތަކުވެސް ތިބި ކަމަށް މައުލޫމާތު ލިބެއެވެ.

ބޯޓަށް ވީ ނުވީ އެއް ނޭނގި، ގެއްލިފައި ވާ ކަމަށް އިއުލާން ކުރީ 09:55 ގައެވެ. ބޯޓު ވެއްޓިފައި ވާ ކަމަށް މިހަރު މައުލުމާތު ލިބެމުން ދިޔަ ނަމަވެސް، ފްލައިޓުގައި ތިބި އެއްވެސް މީހެއްގެ ހާލަތު ސާފެއް ނުވެއެވެ.

އެއާ ޓްރެފިކް ކޮންޓްރޯލަކާ ހަވާލާދީ، މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ގާސާއޭ ކިއުނު ސަރަހައްދުން ބާރުގަދަ އަޑުފަށްގަނޑެއް އިވިފައިވެއެވެ. ނަމަވެސް އެ ހަބަރުގެ ސައްހަ ކަމެއް ކަށަވަރެއް ނުވެއެވެ.

ފްލައިޓް ކްރޫގައި ސީނިއާ އިންސްޓްރަކްޓާ ޕައިލެޓެއްގެ އިތުރުން ދެން ތިބީ ކޯ ޕައިލެޓަކާއި އެއާ ހޮސްޓްރެސްއެއް ކަމަށް މައުލޫމާތު ލިބެއެވެ.