22 މީހުންނާއެކު އިއްޔެ ހެނދުނުގެ ވަގުތެއްގައި ނޭޕާލްގައި ގެއްލުނު ޓާރާ އެއާގެ މަތިންދާ ބޯޓު ވެއްޓިފައި އޮތް ސަރަހައްދު ހޯދައިފިއެވެ.

ނޭޕާލް އަސްކަރިއްޔާގެ ތަރުޖަމާނާ ހަވާލަދީ ބީބީސީއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި ވެއްޓިފައި ވާ ބޯޓުގެ ބައިތައް ފެނިފައި ވަނީ، އުތުރުގެ ސަރަހައްދެއް ކަމަށް މަސްޓޭންގެ ޑިސްޓްރިކްޓުންނެވެ.

20 މިނެޓުގެ ދަތުރަކަށް ފުރި މަތިންދާބޯޓާ ގުޅުން ކެނޑުނީ، ފްލައިޓައް ޖައްސަން 5 ވަރަކަށް މިނެޓަށް ވެފައި ވަނިކޮށެވެ. އިއްޔެ ހެނދުނު ހިނގި ހާދިސާއާ ގުޅިގެން ބޯޓު ހޯދުމަށް ކުރި މަސައްކަތް މެދުކަނޑާލީ މޫސުން ގޯސްވުމުގެ ސަބަބުންނާއި ސަރަހައްދުގެ ޖިއޮގްރަފީއަށް ރިއާޔަތް ކޮށެވެ. ބޯޓު ހޯދުމުގެ އޮޕަރޭޝަން ފެށީ މިއަދު ހެނދުނުއެވެ.

ފަތުރުވެރި މަންޒިލެއް ކަމަށް ވާ ޕޮކާރާއިން ބޯޓު އުދުއްސާލީ ޖީއެމްޓީ ގަޑިން ފަތިހު 0410 ހާ އިރުއެވެ. ދަތުރު ކުރަމުން ދިޔައީ ފަތުރުވެރި މަންޒިލެއް ކަމަށް ވާ ޖޮމްސޮމްއެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި ބޯޓުން ދަތުރު ކުރީ ނޭޕާލްގެ 16 މީހެއްގެ އިތުރުން އިންޑިއާގެ 4 ރައްޔިތަކާއި ޖަރުމަނުވިލާތުގެ 2 ރައްޔިތެކެވެ.

ބޯޓުން ދަތުރުކުރި އެއްވެސް މީހެއްގެ ފުރާނަ ސަލާމަތްވި ކަމަކަށް ނުބެލެވެއެވެ. ނޭޕާލް ފުލުހުންގެ އިންސްޕެކްޓާ ރާޖް ކުމާރު ޓަމާންގް އިސްކޮށް ހުންނަވައިގެން ހަރަކާތްތެރިވާ ޓީމަކުން ވަނީ ހާދިސާ ހިނގި ސަރަހައްދަށް ގޮސްފައެވެ. ބައެއް މީހުންގެ ހަށިތައް ފެނިފައި ވާ އިރު، އެއީ ކޮން ބައެއްކަންވެސް ވަކި ކުރަން ނޭނގޭ ކަމަށް ފުލުހުންގެ އޮފިޝަލަކު ވަނީ ވިދާޅުވެފައެވެ.

ނޭޕާލްއަކީ ވައިގެ އުދުހުންތަކުގެ ރައްކާތެރިކަމަށް ބަލާއިރު ހިތި ތާރީހެއް އޮތް ގައުމެކެވެ. އެކަން އެހެން ދިމާވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ކުއްލި ކުއްލިއަށް މޫސުން ބަދަލުވުމާއި، ފަރުބަދަ މަތީ ސަރަހައްދުތަކަށް ބޯޓުޖައްސަން ޖެހުން ހިމެނެއެވެ.

2018 ވަނަ އަހަރުގެ ކުރީކޮޅު، 71 މީހުންނާއެކު ބަންގްލަދޭޝްއިން ފުރައިގެން ދަތުރު ކުރަމުން ދިޔަ ފްލައިޓެއް، ވެރިރަށް ކަތުމަންޑޫގައި ޖައްސަން އުޅުމުގެ ތެރޭގައި އަލިފާން ރޯވެ، 51 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ. ފަހުގެ ރެކޯޑަށް ބަލާއިރު އޭޕްރިލް 2019ގައި ރަންވޭ މަތިން ބޯޓެއް ކަހާލައިގެން ގޮސް، ހެލިކޮޕްޓަރެއްގައި ޖެހިގެން ހިނގި ހާދިސާގައި 3 މީހެއްގެ ފުރާނަ ވަނީ ގެއްލިފައެވެ.