ލަންޑަނުން ފުރައިގެން ސިންގަޕޫރަށް ދަތުރުކުރަނިކޮށް ވައިގެ ތެރޭގައި ކުއްލިއަކަށް ބޯޓަށް އެރި ލޮޅުންތަކާއެކު އެކަކު މަރުވެ 70 އަށް ވުރެ ގިނަމީހުން ޒަހަމްވި ހާދިސާގައި ހިމެނޭ މީހުންގެ ތެރެއިން 20 މީހަކު އަދިވެސް ތިބީ އައިސީޔޫގައި ކަމަށް ބުނެފިއެވެ.
ޒަހަމްވި މީހުންގެ ތެރެއިން 40 މީހަކަށް އަދިވެސް ފަރުވާ ދެމުން ދާ އިރު އޭގެ ތެރެއިން 22 މީހެއްގެ މައިބަދައަށް ގެއްލުންވެފައި ވާ ކަމަށާއި 6 މީހެއްގެ ބޮލުގެ ނާށިގަނޑަށް އަނިޔާވެ ސިނކުނޑިއަށް އަނިޔާ ވެފައި ވާ ކަމަށް ބުނެއެވެ. އޭގެ ތެރެއިން 20 މީހެއްގެ ހާލު ގޯސްވެފައި ވުމުން އެމީހުނަށް ފަރުވާ ދެމުން ދަނީ ބޭންކޮކްގެ ސަމިތިވޭޖް ސްރީނަކަރިން ހޮސްޕިޓަލްގެ އައިސީޔޫގައެވެ.
އެ ހޮސްޕިޓަލްގެ ޑައިރެކްޓާރު ބުނީ އައިސީޔޫގައި ތިބި މީހުންނަކީ މިވަގުތު ގާތުން ބަލަން ޖެހިފައިވާ މީހުން ކަމަށެވެ.
ހޮސްޕިޓަލްގައި ފަރުވާ ދެމުން ގެންދާ މީހުންގެ ތެރެއިން އެންމެ ދުވަސް ވީ މީހަކީ އުމުރުން 83 އަހަރުގެ މީހެކެވެ. އެންމެ ހަގު އުމުރުގެ ކުއްޖަކަށް އޮތީ 2 އަހަރުގެ ކުއްޖެކެވެ. އެއީ އެ ހާދިސާގައި އެ ކުއްޖާގެ ސިނކުޑިއަށް ލިބުނު ގެއްލުމަކާ ގުޅިގެން ފަރުވާ ދެމުން އަންނަ ކުއްޖެ ކަމަށް ޑައިރެކްޓަރާ ހަވާލާ ދީ މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ފަރުވާ ދެމުން ގެންދާ މީހުންގެ ތެރޭގައި އިނގިރޭސިވިލާތުގެ ރައްޔިތުންނާއި އޮސްޓްރޭލިއާ, މެލޭ އަދި ފިލިޕީންސްގެ ރައްޔިތުން ހިމެނެއެވެ.
އެ ބޯޓަށް ލޮޅުން އަރުވާލި ހާދިސާގައި ހިތުގެ ބަލީގެ މީހަކު މަރުވެފައި ވާ އިރު ބޯޓުގެ ތެރޭގައި ހުރި ބައެއް ތަކެއްކާއި ބޯޓުގެ ބައެއް ބައިތައް ވަނީ ނެއްޓި އެތަންމިތަނަށް އެޅިފައެވެ. އާންމުވި ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި ބޯޓަށް ލޮޅުން އެރި ވަގުތު ބައެއް މީހުން ތިބި ގޮނޑިން އުފުރި ބޯޓުގެ ސީލިންގައި ވެސް ޖެހިފައި ވެއެވެ. އެއީ ސީޓް ބެލްޓް ނާޅާ ތިބި މީހުން ކަމަށް ހަބަރުތަކުން ބުނެއެވެ.
މިހާދިސާއާ ގުޅޭ ތަހުގީގު ކުރިއަށް ދާއިރު ހަބަރުތަކުން ބުނެފައި ވަނީ ބޯޓަށް ލޮޅުން އެރި ވަގުތު ބޯޓު މިނެޓެއްހާއިރުގެ ތެރޭގައި 6000 ފޫޓަށް ތިރިވެގެން ދިޔަ ކަމަށާއި ތިރިވެ މައްޗަށް އަރާ އެހެން ވުމުގެ ސަބަބުން ބޮޑެތި ގެއްލުންތައް ލިބިގެން ދިޔަ ކަމަށެވެ.
މިހާދިސާ ހިނގާފައި ވަނީ ބޯޓު މިޔަންމާ އާ ދިމާ މަތީގައި އޮއްވާއެވެ.
211 މީހަކާއި 18 ކްރޫއިން ތިބި އެ ފްލައިޓް ބޭންކޮކަށް ޖައްސާ އެއިން ދަތުރު ކުރި މީހުންގެ ތެރެއިން 140 މީހަކު މިހާރު ވަނީ އެހެން ފްލައިޓެއްގައި ސިންގަޕޫރަށް ގެންގޮސްފައެވެ.