މިއަދު ރާއްޖެއިން ރިޕޯޓް ކުރި ކޮވިޑް ޕޮޒިޓިވް ކޭސްގެ އަދަދު 300 އިން މައްޗަށް އަރައިފިއެވެ.
އެޗްޕީއޭ އިން ބުނީ، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 4395 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން ޕޮޒިޓިވް ވެފައި ވަނީ 304 މީހުން ކަމަށެވެ. ޕޮޒިޓިވް ވެފައި ވާ މީހުންގެ ތަފްސީލް ހާމަ ކުރަމުން އެޗްޕީއޭ އިން ބުނީ، މާލެ ސަރަހައްދުން 136 މީހަކާއި، އަތޮޅުތެރެއިން 78 މީހަކާއި ރިސޯޓްތަކުން 83 މީހަކައި ލިވަބޯޑުން އެކަކު މިއަދު ޕޮޒިޓިވް ވެފައި ވާ ކަމަށެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދކީ 2908 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 97050 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދަނީ 13 މީހުންނަށް ކަމަށް އެޗްޕީއޭއިން ބުނެއެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 670 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 264 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް ހަ ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ ދެ މީހެކެވެ.
ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލް: މި މަހު ޖުމްލަ 1350
- 1 ޖެނުއަރީ: 191 ކޮވިޑް ކޭސް
- 2 ޖެނުއަރީ: 161 ކޮވިޑް ކޭސް
- 3 ޖެނުއަރީ: 242 ކޮވިޑް ކޭސް
- 4 ޖެނުއަރީ: 228 ކޮވިޑް ކޭސް
- 5 ޖެނުއަރީ: 224 ކޮވިޑް ކޭސް
- 0 ޖެނުއަރީ: 304 ކޮވިޑް ކޭސް
މިއަދު ރިޕޯޓް ކުރި ކޭސްތަކަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓްކޮށްފައި ވަނީ މާލެ ސަރަހައްދުންނެވެ. އިއްޔެ ވެސް އެންމެ ގިނަ ކޭސް މާލެއިން ފެނިފައި ވާ އިރު އޭގެ ކުރީ ދުވަހު އެންމެ ގިނަ ކޭސް ފެނިފައި ވަނީ އޮޕްރޭޓް ކުރަމުންދާ ރިސޯޓްތަކުންނެވެ.
ރާއްޖޭގައި ކުރިއަށް އޮތް ތިން ހަފުތާ އަކީ ކޮވިޑް-19 ގެ ހާލަތު އަނެއްކާ ވެސް ވަރަށް ބޮޑަށް ގޯސްވެދާނެ ތިން ހަފުތާ ކަމަށް ސިއްހީ މާހިރުން ލަފާ ދެއްވާފައިވާ ކަމަށް މިއަދު ރައިސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ވިދާޅުވެފައެވެ.
މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ އިރު، މާލެ ސަރަހައްދުގައި ގިނަ އަދަދެއްގެ މީހުން ސްކޫލް ބަންދުވުމުން އައިސް އުޅޭ ކަން ފާހަގަ ކުރެވެއެވެ. ހަމައެއާއެކު އާ އަހަރާ ދިމާކޮށް ބޭއްވި މިއުޒިކް ޝޯ ބެލުމަށާއި އަދި މަގުމަތީ ބާޒާރު ފެށުމުން އެތަނަށް ވެސް ގިނަ އަދަދެއްގެ ބަޔަކު އެއްވެފައި ވުމާއި ހިތާނީ ސީޒަން ފެށި ކައިވެނި ޕާޓީތަކާއި އެކި ހަފްލާތައް ބާއްވާ ގިނަ މީހުން އެއްތަނަކަށް އެއްވަމުން ދިއުމަކީ މިވަގުތު ކޭސްތައް އިތުރުވެގެން ހިނގައިދާނެ ކަމެއް ކަމަށް ބައެއް މީހުން ބުނެއެވެ.
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު އިތުރުވަމުން އަންނާތީ މާސްކް އެޅުން މަޖުބޫރުކޮށް މާސްކް ނާޅާ ނަމަ ފިޔަވަޅު އަޅަން ވަނީ ނިންމާފައެވެ. ހަމައެއާއެކު މާލެ ސަރަހައްދުގައި މީހުން އެއްވާ ގޮތަށް އިވެންޓްތަކާއި ހަލްފާތައް ބޭއްވުމަށް ދޭން ޖެހޭ ހުއްދަ ވެސް ދިނުން ވަގުތީ ގޮތުން ވަނީ މަޑުޖައްސާލާފައެވެ.