ކޮވިޑް-19 ގެ ކޭސްތައް އިތުރުވަމުން ދާތީ، ހުރިހާ ރަށެއްގައި އާންމުން މާސްކު އަޅަން މަޖުބޫރުކޮށް، މާސްކު އަޅަމުން ދޭތޯ ބެލުމަށް ފުލުހުންނަށް ރައީސް އޮފީހުން އަންގައިފިއެވެ.

ނ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިދިޔަ އަންގާރަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ، ކުރިއަށް އޮތް ތިން ހަފްތާގެ ތެރޭ ރާއްޖޭގައި ހަލުވި ކަމާއެކު ކޮވިޑު ފެތުރޭނެ ކަމުގެ އިންޒާރު ދެއްވާފައެވެ.

އެކަމާ ގުޅިގެން، އޮމިކްރޮންގެ ރިސްކް އެސެސްމެންޓަށް ބެލުމަށްފަހު، އަދި ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރަން ބޭއްވި ބައްދަލުވުމަށް ފަހު، ހާއްސަ ފިޔަވަޅުތަކެއް އަޅަން އަންގައި ރައީސް އޮފީހުން ވަނީ ފުލުހުންނަށާއި ކަމާބެހޭ އިދާރާތަކަށް ފޮނުވާފައެވެ. އެ ފިޔަވަޅުތަކަކީ:

  • މާލޭގައި ދުވާލަކު 3،000 މީހުންނަށް ބޫސްޓަ ޑޯޒް ދިނުމަށްޓަކައި ނޫސަންދައިން ފުލުހުންނަށާއި އާއިލާތަކަށް ބޫސްޓަ ޑޯޒް ޖެހޭގޮތަށް ހަމަޖެއްސުން
  • ފުލުހުންގެ ލެބޯޓަރީގައި ކޮވިޑަށް ޓެސްޓު ހަދަން ފެށުން
  • ހުރިހާ ރަށްރަށެއްގައި މާސްކު އެޅުން މަޖުބޫރުކޮށް މާސްކް އަޅައިތޯ ބެލުން

މިދިޔަ ޖޫން މަހުން ފެށިގެން ރާއްޖޭގައި ކޮވިޑް ވަނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކުރެވިފައެވެ. ނަމަވެސް ކޮވިޑުގެ ކޭސްތައް އަނެއްކާވެސް މައްޗަށް ދާން ފަށާފައިވާއިރު، މާލޭންވެސް 50 އަށް ވުރެ ގިނަ މީހުން މިދިޔަ ދެ ދުވަހު ވަނީ ޕޮޒިޓިވްވެފައެވެ.

ކޮވިޑުގެ ކޭސްތައް އިތުރުވަމުން ދާތީވެ، އެޗްޕީއޭއިން އަންގައިގެން އެޗްޑީސީން ހުޅުމާލޭގައި އެއްވެ އުޅުން މަނާކޮށްފައިވާއިރު، ސިޓީ ކައުންސިލުން ވަނީ ނައިޓް މާކެޓް ފަދަ ހަރަކާތްތައްވެސް މާލޭގައި ބޭއްވުން މަނާކޮށްފައެވެ.