މާލެ ސަރަހައްދުގައި ކޮވިޑް ފެތިރޭތީ ހުޅުމާލޭގައި ހަފްލާތައް ބާއްވަން އެޗްޑީސީން ދޫކުރާ ހުއްދަ ދޫކުރުން ހުއްޓާލައިފިއެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނީ، ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ގިނަ މީހުން އެއްވާ ހަފްލާތަކާއި ހަރަކާތްތައް ބޭއްވުމަށް އެ ކުންފުނިން ދޫކުރަމުން ގެންދާ ހުއްދަތައް ވަގުތީ ގޮތުން މެދުކަނޑާލައިފައި ވާ ކަމަށެވެ.

ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 670 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 263 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް ހަ ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ އެންމެ މީހެކެވެ.

ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލް: މި މަހު ޖުމްލަ 1046

  • 1 ޖެނުއަރީ: 191 ކޮވިޑް ކޭސް
  • 2 ޖެނުއަރީ: 161 ކޮވިޑް ކޭސް
  • 3 ޖެނުއަރީ: 242 ކޮވިޑް ކޭސް
  • 4 ޖެނުއަރީ: 228 ކޮވިޑް ކޭސް
  • 5 ޖެނުއަރީ: 224 ކޮވިޑް ކޭސް

މިދިޔަ އަހަރު މެދުތެރެއަށް ފަހު ރާއްޛެގައި ކޮވިޑް ކޭސްތައް ފެންނަވަރު ވަނީ މަދުވެފައެވެ. ހާއްސަކޮށް މާލެ ސަރަހއްދުން ފެންނަ ކޭސްތައް ރިޕޯޓްކުރާ މިންވަރު ވަނީ 50 އިން ދަށަށް ގޮސްފައެވެ. ނަމަވެސް އާ އަހަރު ފެށުނު އިރު ކޭސްތައް މިވަނީ އިތުރު ވާން ފަށާފައެވެ. އެ ގޮތުން ވޭތިވެދިޔަ ފަސް ދުވަހުގެ ތަފާސް ހިސާބަށް ބަލާއިރު، މި މަހު ރިޕޯޓް ކުރި ކޭސްތައް ވަނީ 1000 އިން މައްޗަށް ގޮސްފައެވެ.

އިއްޔެ ޖުމްލަ 224 މީހުން ކޮވިޑަށް ޕ-ޮޒިޓިވްވެފަިއވާ އިރު، މާލެ ސަރަހއްދުން ކޮވިޑަށް ޕޮޒިޓިވްވީ މިޙުންގެ އަދަދު ވަނީ 102 އަށް އަރާފައެވެ. މިވަގުތު މާލެ ސަރަހައްދުން ކޭސްތައް ގިނަ ވަމުން އަންނަ ސަބަބެއް ކަމަށް ގިނަ ބަޔަކު ދެކެނީ ހަފްލާތަކާއި ގިނައިން މީހުން އެއްވެ އުޅޭ ފަދަ ކަންކަން އިތުރުވުމެވެ. އެ ގޮތުން މަގުމަތީ ބާޒާރު ފެށުމާއި ހިތާނީ ސީޒަން ފެށި އެފަދަ ހަފްލާތަކާއި ކައިވެނި ޕާޓީތައް ބާއްވާ މިންވަރުވެސް މި ދުވަސްވަރު އަންނަނީ އިތުރުވަމުންނެވެ. މީގެ އިތުރުން އިދިކޮޅު ކޯލިޝަނުން ކުރިއަށް ގެންދާ މުޒާހަރާ އަކީ ވެސް ގިނަ ބަޔަކު އެއްވެ ހިންގާ އިވެންތެއް ކަމަށް ވާތީ އެކަމަކީ ވެސް ކޮވިޑް ކޭސްތައް އަނެއްކާ އިތިވާނެ ކަމެއް ކަމުގައި ގިނަ ބަޔަކު ބުނެއެވެ.

ކޭސްތައް އިތުރުވާން ފެށުމުން މާލެގާއި ކުރިއަށް ގެންދާ މަގުމަތީ ބާޒާރު ހުއްޓާލަން ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.