ފާއިތުވީ 24 ގަޑިއިރުގެ ތެރޭގައި އެ ގައުމުން 90000 އަށް ވުރެ ގިނަ ސާމްޕަލް، ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19) އަށް ޕޮޒިޓިވް ވެ، އެ ބަލީގައި 325 މީހެއްގެ ފުރާނަ ގެއްލިފައި ވާ ކަމަށް، އަވަށްޓެރި އިންޑިއާއިން ރިޕޯޓް ކޮށްފިއެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއާ ހަވާލާދީ އެ ގައުމުގެ މީޑިއާއިން ރިޕޯޓް ކޮށްފައި ވާ ގޮތުގައި، އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވްވާ ރޭޓް މިވަގުތު ހުރީ 6.43 ޕަސެންޓްގައެވެ. އަދި މި ވަގުތު އެކްޓިވް ކޭހުގެ އަދަދު އުޅެނީ 285401 ގައި ކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންޑިއާއިން ފެނުނު އޮމިކްރޯން ވޭރިއަންޓްގެ ކޭސް ނަމްބަރުތައް 2630 އަށް އަރާފައި ވާއިރު، މި ވޭރިއަންޓަށް ޕޮޒިޓިވްވެގެން އެ ގައުމުން ވަނީ ފުރަތަމަ މަރުގެ ކޭސްވެސް ރިޕޯޓް ކޮށްފައެވެ. އެއީ ރާޖަސްތާނުން މަރުވި، އުމުރުން 74 އަހަރުގެ މީހެއް ކަމަށް އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން ވަނީ ހާމަކޮށްފައެވެ. އަދި އެމީހަކީ ހަކުރު ބައްޔާއި އެނޫންވެސް ބައެއް ބަލިތައް ތަހައްމަލު ކުރަމުން ދިޔަ މީހެއް ކަމަށްވެސް އޮފިޝަލުން ވަނީ ވިދާޅުވެފައެވެ.

އިންޑިއާގައި ކޮވިޑް-19 ގެ ކޭސްތައް ރެކޯޑް އަދަދުތަކުން އިތުރު ވަމުން އަންނައިރު، އެކި ސަރަހައްދުތަކުން ދަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަ ކުރަމުންނެވެ. އެގޮތުން މިރެއިން ފަށައިގެން ޓެމިލް ނާޑޫގައި ރޭގަނޑުގެ ވަގުތުތަކުގައި ކާފިއުގެ އަމުރު ތަންފީޒު ކުރަން ފަށާއިރު، އަންނަ އާދީއްތަ ދުވަހުން ފަށައިގެން ފުލް-ލޮކްޑައުން އަކަށް ދާނެ ކަމަށް މައުލޫމާތު ލިބެއެވެ.