އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސްގެ މަރާ ގުޅިގެން ފެންމަތިވި ބައެއް ކަންކަމާ ހެދި ހޮސްޕިޓަލުގެ އިދާރީ އުސޫލު ވަރުގަދަކުރާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

މޭރީ މަރާ ގުޅިގެން އޭނާގެ ފިރިމީހާ މާވިން އަދި އޭނާގެ ދިވެހި ލޯބިވެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާން ހައްޔަރުކޮށް ދައުވާ އުފުލައިފައި ވާއިރު، ލަމްހާ ދިރިއުޅެމުން ދިޔަ ގެއިން ފުލުހުން ވަނީ އިންޖެކްޝަންތަކަކާއި ބޭސްތަކެއް ހޯދާފައެވެ.

ޕީޖީއިން ބުނީ އޮކްޓޫބަރު 27، 2021 ދުވަހު ލަމްހާ ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެ ގޭގައި އޭނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން އައިޖީއެމްއެޗްގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން އޭނާ ނަގާފައިވާ، ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރާ އިންޖެކްޝަންތަކެއް ފެނިފައިވާ ކަމަށާއި ހޮސްޕިޓަލާއި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއްވެސް ފެނިފައިވާ ކަމަށެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗުން ބުނީ އެ ހޮސްޕިޓަލުން އެ މައްސަލަ ތަހުގީގުކޮށްފައިވާ ކަމަށާއި ކަމާބެހޭ ފަރާތްތަކާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާ ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މިފަދަ އަމަލެއް މުވައްޒަފަކު ހިންގުމުގެ ފުރުސަތު ވީހާވެސް ކުޑަކުރުމަށްޓަކައި ހޮސްޕިޓަލުގައި މިހާރުވެސް އަމަލުކުރުމަށް ކަނޑައެޅިފައިވާ ގަވާއިދު ތަންފީޒުކުރުން އިތުރަށް ހަރުދަނާ ކުރުމާއި އަދި އިތުރު ގަވާއިދުތައް ހަދާ އެކަންކަން ތަންފީޒު ކުރުން ހިމެނޭ ކަމަށްވެސް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލުގައި ބޭހާއި އިންޖެކްޝަން ފަދަ ތަކެތި ގެންގުޅެން ހަރުދަނާ އުސޫލުތަކާއި ގަވާއިދުތައް ކަނޑައަޅާފައިވާ ކަމަށާއި ވަކިން ޚާއްޞަކޮށް ހައި އެލާޓް، ނާކޮޓިސް ބޭސް އަދި އިންޖެކްޝަންތަކަށް ހާއްސަ ގަވާއިދުތައް ހުންނަ ކަމަށެވެ. އެހެންނަމަވެސް އެ ހޮސްޕިޓަލަކީ ގިނަ އަދަދެއްގެ ބަޔަކަށް ކޮންމެ ދުވަހަކުވެސް އެތައް ހިދުމަތެއް ދެމުން ގެންދާ ތަނެއް ކަމުންނާއި އަސާސީ ބައެއް މަސައްކަތުގައި ކަމާބެހޭ ފަރާތްތަކުން މަސްއޫލުވެ ގިނަ ވަގުތުތަކެއް ހޭދަކުރަން ޖެހުމުގެ ސަބަބުން ބައެއް އުސޫލުތަކާއި ގަވާއިދުތައް އެންމެ ފުރިހަމައަށް ތަންފީޒު ނުކުރެވޭ ހާލަތެއް ދިމާވުން އެކަށީގެންވާ ކަމަށް އައިޖީއެމްއެޗުން ވަނީ ބުނެފައެވެ.

އައިޖީއެމްއެޗުން ބުނީ މިފަދަ ބޭހާއި އިންޖެކްޝަނަށް ބޭނުން ކުރުމުގެ ހުއްދަ އޮންނާނީ ހާއްސަކޮށް ހުވައެއް ކޮށްގެން ތިބޭ ޑޮކްޓަރުންނާއި ނަރުހުންނަށް ކަމަށާއި އެ ފަރާތްތަކަކީ ހޮސްޕިޓަލާއި ޖުމްލަ ގޮތެއްގައި މުޅި މުޖްތަމައުގެ ފަރާތުންވެސް ނުހަނު ބޮޑު އިތުބާރެއް އޮތް ބައެއް ކަމަށެވެ.

އައިޖީއެމްއެޗުން އިތުރަށް ބުނީ މިފަދަ ބޭހާއި އިންޖެކްޝަން ބޭނުން ކުރުމުގެ ހުއްދަ އޮންނަ ފަރާތްތަކުން މިއިން އެއްޗެއް ގެއަށް ގެންދިއުމަކީ ނުވަތަ ނަހަމަ ގޮތުގައި ބޭނުންކުރުން ހުއްޓުވުމަކީ ކަށަވަރު ކަމާއެކު ކުރެވޭނެ ކަމެއް ނޫން ކަމަށާއި ހަރުދަނާ އުސޫލުތަކެއް ކަނޑައެޅި ތަންފީޒު ކުރަމުން ދިޔަނަމަވެސް މިއީ ޔަގީނުންވެސް ނުކުރެވޭނެ ފަދަ ކަމެކޭ ބުނުމަކީ މުސްތަހީލު ކަމެއް ކަމަށެވެ.

ނަރުސް މަރާލި މައްސަލައިގައި ނަރުހުގެ ބޮލާއި ކަރަށް ހަމަލާ ދީފަައި ވާއިރު ނޭވާ ހާސްކޮށްގެން މަރާލާފައި ވާތީ މާވިންގެ މައްޗަށް މީހަކު މެރުމުގެ ދައުވާ އުފުލާފައި މޭރީ މަރާލުމުގައި އެހީތެރިވެދީ، އޭނާ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މަރާލުމުގެ އަމަލު ހިންގުމަށް މާވިން އަށް މަގުފަހިކޮށްދީފައި ވާތީ ލަމްހާގެ މައްޗަށް ވަނީ އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއާއި އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެ ކުށުގެ ދައުވާގެ އިތުރުން ހުއްދަ ނަގައިގެން ކުރަން ޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުމުގެ ކުށުގެ ދައުވާ އުފުލާފައެވެ.