އައިޖީއެމްއެޗްގައި ގާއިމްކުރި 75 އެނދުގެ މަލްޓި ސްޕެޝަލިޓީ ސާޖިކަލް ވިންގް ހުޅުވައިފިއެވެ.

މި ވިންގް ހުޅުވައިދެއްވީ އެކަމަށްޓަކައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވީ މިއީ 75 އެނދުގެ ޖާގައިގެ ވިންގެއް ކަމަށެވެ. އަދި މި ވިންގަށް ޖެނެރަލް ވޯޑުގެ ގޮތުގައި 44 އެނދު، ހައިޑިޕެންޑެންސީ ޔުނިޓްގެ ގޮތުގައި 15 އެނދު، ޕްރައިވެޓް ރޫމްގެ ގޮތުގައި 14 ރޫމް އަދި ބާން ޔުނިޓެއްގެ ގޮތުގައި ފުރަތަމަ ފަހަރަށް 2 ބެޑު ތައާރަފްކުރެވޭ ކަމަށް އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ.

މި ވިންގުގައި ޖެނެރަލް ސާޖަރީތަކުގައި އެޑްމިޓްކުރާ ބަލި މީހުން އެޑްމިޓްކޮށް ފަރުވާދޭނެކަން އަބްދުއްރައްޒާގް ހަލީމް ފަހާގަކުރެއްވިއެވެ. މީގެއިތުރުން ނިއުރޯ ސާޖަރީ، ޕްލާސްޓިކް ސާޖަރީ، އޯތޯ ސާޖަރީ އަދި ޔޫރޮލޮޖީގެ ސާޖަރީތަކުގައި އެޑްމިޓްކުރާ ބަލި މީހުންނަށް ވެސް މި ވިންގުން ފަރުވާ ދޭނެ ކަމަށް އަބްދުއްރައްޒާގް ހަލީމް ވަނީ ވިދާޅުވެފައެވެ.

ހޮސްޕިޓަލް ހުޅުވުނުއިރު ހޮސްޕިޓަލުގައި ދެމުންދިޔަ މަލްޓި ސްޕެޝަލިޓީ ހިދުމަތްތައް މަދުނަމަވެސް މިހާރު ގާތްގަނޑަކަށް 32 މަލްޓި ސްޕެޝަލިޓީ ހިދުމަތްތައް އައިޖީއެމްއެޗް ހޮސްޕިޓަލުން ދެމުން ގެންދާ ކަމަށް އަބްދުއްރައްޒާގް ހަލީމް ވިދާޅުވިއެވެ. މިދިޔަ އަހަރު އެންޑޯވަސްކިއުލާ ނިއުރޯ ސާޖަރީގެ ހިދުމަތް ފަށާފައިވާ ކަމަށާއި މި އަހަރު ކާޑިއޯތޮރެސިކް ސާޖަރީ އަދި އިންޓަވެންޝަނަލް ރޭޑިއޮލޮޖީގެ ހިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާކަން އަބްދުއްރައްޒާގް ހަލީމް ފާހަގަކުރެއްވިއެވެ.

މި ވިންގް ތަަރައްގީކޮށްފައި ވަނީ އައިޖީއެމްއެޗްގެ ފުރަތަމަ ފަންގިފިލާގައެވެ. މި މަޝްރޫއަކީ ސަރުކާރުން ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ)އާ ގުޅިގެން އައިޖީއެމްއެޗްގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. މި ވިންގު ހުޅުއްވައިދެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ މި ވިންގުގައި ގާއިމްކޮށްފައިވާ ވަސީލަތްތަކާއި ވިންގުން ލިބިގެންދާ ހިދުމަތްތަ ބައްލަވާލައްވާފައެވެ.