އައިޖީއެމްއެޗްގައި މަސައްކަތްކުރި ފިލިޕީންސް ނަރުހެއް ކަމަށްވާ މޭރީ ގްރޭސް މަރާލި މައްސަލާގައި ހައްޔަރުކުރި އޭނާގެ ފިރިމީހާ މާވިންގެ ދިވެހި ލޯބިވެެރިޔާ، ހަލީމަތު ލަމްހާ އަބްދުއްރަހުމާންގެ މައްޗަށް ދައުވާއުފުލައިފިއެވެ.

ޕީޖީއިން ބުނީ ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މާވިން އެސް ވައި ވާގަސް އާއި ޅ.ހިންނަވަރު، މާފިނި، ހަލީމަތު ލަމްހާ އަބްދުއްރަހްމާނު އޮކްޓޫބަރު 19، 2021 ދުވަހު ދުރާލާ ރާވައިގެން މާވިން އެސް ވައި ވާގަސްގެ އަންހެނުން ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ ދިރިއުޅެމުން ގެންދިޔަ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ކޮޓަރިއެއްގެ ތެރޭގައި މަރާލާފައިވާ ކަމަށް ތުހުމަތުކުރެވުނު މައްސަލާގައި ދައުވާކުރުމަށް ކްރިމިނަލް ކޯޓަށް ފޮނުވައިފި ކަމަށެވެ.

މާވިން، 30 އަހަރުގެ މައްޗަށްކޮއްފާ ވަނީ ދިވެހި ރާއްޖޭގެ ގާނޫނުލް އުގޫބާތުގެ 9/2014 ގެ 110 ވަަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން އެނގިހުރެ މީހަކު މެރުމުގެ ކުށުގެ ދައުވާއެވެ. ސަބަބެއްގެ ގޮތުގައި ޕިޖީއިން ބުނީ މާވިން 19 އޮކްޓޫބަރު ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި މީނާ ދިރިއުޅޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މީނާގެ އަންހެނުން، ފިލިޕީންސްގެ ރައްޔިތެއްކަމަށްވާ މޭރީ ގެ ބޮލާއި ކަރަށް ހަމަލާދީގެންނާއި، ނޭވާ ހާސްކޮށްގެން މަރާލާފައިވާތީ ކަމަށެވެ. އަދި އަސާސީ އަދަބަކީ 10 އަހަރަށް ޖަލަންލުން ކަންވެސް ޕީޖީއިން ވަނީ ފާހަގަކޮށްފައެވެ.

މި މައްސަލައިގާ ހައްޔަރުކުރި 24 އަހަރުގެ މާވިންގެ ދިވެހި ލީބިވެރިޔާ، ލަމްހާގެ މައްޗަށް ވަނީ 3 ދައުވާއެއްކޮށްފައެވެ.

ލަމްހާގެ މައްޗަށް ކުރި ދައުވާތަކާ ސަބަބު އަދި އަސާސީ އަދަބު:

ދައުވާ 1: އެނގިހުރެ މީހަކު މެރުމުގައި ބައިވެރިވުން

ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 110 ވަނަ މާއްދާގެ (ހ) އާއި، 30 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރާ ހަވާލާދީ، 110 ވަނަ މާއްދާގެ (ރ) އާއި، 30 ވަނަ މާއްދާގެ (ރ) ގެ (2) ވަނަ ނަންބަރުގެ ދަށުން.

ސަބަބު: ލަމްހާ އާއި މާވިން އޮކްޓޯބަރު 19، 2021 ވަނަ ދުވަހުގެ 12:00 އާއި 12:49 އާ ދެމެދުގެ ވަގުތެއްގައި، މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގެ ތެރޭގައި މާވިންގެ އަންހެނުން މޭރީ މަރާލުމުގައި އެހީތެރިވެދީފައިވާތީ މޭރީ މަރާލުމަށް ރޭވި ރޭވުމުގައި ބައިވެރިވެ، މޭރީ މަރާލުމުގެ އަމަލު ހިންގުމަށް މާވިންއަށް މަގުފަހިކޮށްދީފާވުން

އަސާސީ އަދަބު: 6 އަހަރަށް ޖަލަށްލުން

ދައުވާ 2: އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫންގޮތެއްގައި ބާރުހިންގުމުގެ ކުށުގެ ދައުވާ ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނީ އުގޫބާތު) ގެ 211 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (5) ވަނަ ނަންބަރުގެ ދަށުން.

ސަބަބު: މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 27، 2021 ދުވަހު ލަމްހާ ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައި ފާސްކުރިއިރު، އެ ގޭގައި މީނާ ދިރިއުޅޭ ކޮޓަރީ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގެ ހުއްދައަކާ ނުލައި އެ ހޮސްޕިޓަލުން މީނާ ނަގާފައިވާ ހޮސްޕިޓަލުން ބޭރަށް ގެންދިއުން މަނާ އަދި ހޮސްޕިޓަލުގެ ބޭނުމަށް އެކަނި ދޫކުރެވޭ އިންޖެކްޝަންތަކެއް ފެނިފައިވުން.

އަސާސީ އަދަބު: 2 މަހާއި 12 ދުވަސް

ދައުވާ 3: ހުއްދަ ނަގައިގެން ކުރަންޖެހޭ ކަމެއް ހުއްދަ ނުނަގާ ކުރުން ގާނޫނު ނަންބަރު: 9/2014 (ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތު) ގެ 613 ވަނަ މާއްދާގެ (ށ) އާ ޙަވާލާދީ، އެ މާއްދާގެ (ނ) ގެ (4) ވަނަ ނަންބަރުގެ ދަށުން.

ސަބަބު: މި މައްސަލައާ ގުޅިގެން އޮކްޓޫބަރު 27، 2021 ދުވަހު ލަމްހާ ދިރިއުޅޭގެ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ބަލައިފާސްކުރިއިރު އެ ގޭގައި ލަމްހާ ދިރިއުޅޭ ކޮޓަރި ތެރެއިން ހޮސްޕިޓަލް އަދި ފަރުވާދޭ މަރުކަޒުތަކުގެ ބޭނުމަށް އެކަނި ދޫކުރެވޭ ބާވަތުގެ ބޭސްތަކެއް ފެނިފާވުން.

އަސާސީ އަދަބު: 2 މަހާއި 12 ދުވަސް

ފިލިޕީންސަށް ނިސްބަތްވާ، އައިޖީއެމްއެޗްގެ ޑައަލިސިސް ޔުނިޓުގައި މަސައްކަތް ކުރާ މޭރީ ގްރޭސް ދަންޖެހިގެން މަރުވިކަން ސޯޝަލް މީޑިއާގައި މިދިޔަ އޮކްޓޯބަރު މަހު ވަނީ ރިޕޯޓު ކޮށްފައެވެ. ނަމަވެސް ޕޯސްޓްމޯޓަމް އިން ދައްކާ ގޮތުގައި އޭނާ މަރުވީ ބޮލަށް ލިބުނު ބޮޑެތި ޒަހަމްތަކާ ގުޅިގެން ކަމަށް ފުލުހުން މީގެ ކުރިން ބުންޏެވެ.