އިންސާފުގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަން ޖެހޭ ކަމަށް ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލު އަދި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.
ޖަމީލު މިހެން ވިދާޅުވީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލު ކޮށްފައި ވަނިކޮށެވެ.
ޑރ. ޖަމީލް ވިދާޅުވީ، ތަކުރާރުކޮށް ރައީސް ޔާމީންގެ މައްޗަށް އުފުލާ ނުހައްގު ދަޢުވާތަކާމެދު ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި "މިދިޔަ 3 އަހަރު އިންސާފު ގާއިމު ކުރަނީއޭ ބުނެ" އެނޫން ކަމެއް ކުރެވުނުތޯ ޖަމީލް ވަނީ ސުވާލު އުފައްދަވާފައެވެ.
ޖަމީލް އިތުރަށް ވިދާޅުވީ، އިންސާފުގެ ނަމުގައި ސިޔާސީ ބަދަލުހިފުން ނިމުމަކަށް އަންނަން ޖެހޭ ކަމަށާއި މިފަދަ އަމަލުތައް ދުނިޔެ ދެކެނީ އުތުރު ކޮރެއާއާ އެއްގޮތަށް ކަމަށެވެ.
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ 2 ދައުވާގެ ތެރެއިން ވ. އާރަށުގެ ޝަރީއަތް މިއަދު ތާވަލު ކޮށްފައި ވަނީ މެންދުރު ފަހު 1:00 އަށެވެ. އެމަނިކުފާނުގެ މައްޗަށް ރ. ފުއްގިރިއާއި ވ. އާރަށުގެ މައްސަލައިގައި ރިޝްވަތު ގަބޫލުކުރުމާއި މަނީ ލޯންޑަރިންގެ ދައުވާ ވަނީ އުފުލާފައެވެ.
އާރަށުގެ މައްސަލައިގައި އުފުލާފައި ވަނީ، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިސްޓް ރިސޯޓް ތަރައްގީ ކުރުމަށްޓަކައި އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އޭރުގެ ރައީސްގެ ހައިސިއްޔަތުން މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޔޫއެސް ޑޮލަރު ނަގައި ލޯންޑާ ކޮށްފައިވާ ކަމުގެ ދައުވާއެވެ.
މިދިޔަ ނޮވެންބަރު މަހުގެ 24 ވަނަ ދުވަހު އުފުލި އެދައުވާ ތަކަކީ މަނީ ލޯންޑްރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނު (2014/10) ގެ 53 ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ 5 ވަނަ މާއްދާގެ (ހ) ގެ (2) ވަނަ ނަންބަރާއި (3) ވަނަ ނަންބަރާ ހަވާލާދީ އެ ގާނޫނުގެ 53 ވަނަ މާއްދާގެ (ށ) ގެ ދަށުންނާއި އެ ގާނޫނުގެ 62 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަންބަރާއި (6) ވަނަ ނަންބަރާއި (7) ވަނަ ނަންބަރުގެ ދަށުން މަނީ ލޯންޑްރިންގެ ދައުވާ އާއި ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތުގެ (2014/9) ގެ 510 ވަނަ މާއްދާގެ (ހ) އާ ހަވާލާދީ އެ މާއްދާގެ (ރ) ގެ ދަށުން ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާއެވެ.
ފުއްގިރީގެ މައްސަލާގައި ޔާމީނުގެ މައްޗަށް އުފުލާފައި ވަނީ އެ ރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން މަނީ ލޯންޑަރިންނާއި ރިޝްވަތު ގަބޫލުކުރެއްވުމުގެ ދައުވާއެވެ. މި މައްސަލާގައި ޖޫން 28، 2020 ގައި ރައީސް ޔާމީންގެ މައްޗަށް އުފުލީ، ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ އާއި މަނީ ލޯންޑަރިން އަދި ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ 53ވަނަ މާއްދާގެ (ހ) އާއި އެ ގާނޫނުގެ ފަސްވަނަ މާއްދާގެ ތިންވަނަ ނަންބަރާއި ހަވާލާދީ އެ ގާނޫނުގެ 53ވަނަ މާއްދާގެ (ށ)ގެ ދަށުން މަނީ ލޯންޑަރިން ކުށުގެ ދައުވާއެވެ.
ގއ ވޮޑަމުލާ ކުއްޔަށް ދޫކުރުމުގައި މަނީ ލޯންޑާ ކޮށްފައިވާ ކަން ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ ނޮވެންބަރު 28 ،2019 ވަނަ ދުވަހު 5 އަހަރުގެ ޖަލު ހުކުމާއި 5 މިލިއަން ޑޮލަރުން (77 މިލިއަން ރުފިޔާ) ޖޫރިމަނާ ދައްކަން ހުކުމް ކޮށްފައެވެ. އެހެން ނަމަވެސް ސްޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލައިގައި ރައީސް ޔާމީން ވަނީ މިދިޔަ ނޮވެންބަރު 30 ވަނަ ދުވަހު މިނިވަންވެ ވަޑައިގެންފައެވެ.