ކޮރޯނާވައިރަސް ޑިޒީޒް (ކޮވިޑް-19)ގެ އާ ވޭރިއަންޓް ނުވަތަ އޮމިކްރޯން ޖެހިގެން އިންގްލަންޑްގެ ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްގެން ފަރުވާ ދޭ ޕޭޝަންޓުންގެ 5 ބައިކުޅަ 4 ބައި މީހުންނަކީ، ބަލިން ދިފާއު ވުމަށް ޖަހާ ވެކްސިންގެ ބޫސްޓާ ޑޯޒް ފުރިހަމަ ކޮށްފައި ނުވާ މީހުން ކަމަށް، އިނގިރޭސިވިލާތުގެ ރަސްމީ ރެކޯޑްތަކުން ދައްކައިފިއެވެ.

އިނގިރޭސިވިލާތުގެ ސިއްހީ ސަލާމަތްތެރިކަމާ ބެހޭ އިދާރާ (ޔޫކޭއެޗްއެސްއޭ) އިން ކޮންމެ ހަފުތާއަކު އާންމު ކުރަމުން އަންނަ ތަފާސް ހިސާބުތަކުގެ ތެރެއިން އެންމެ ފަހުން އާންމު ކުރި މައުލޫމާތު ބުނާ ގޮތުގައި، އޮމިކްރޯން ޖެހިގެން ހޮސްޕިޓަލުތަކުގައި އެޑްމިޓް ކޮށްފައިވާ 815 ޕޭޝަންޓުންގެ ތެރެއިން 608 މީހަކީ، 3 ވަނަ ވެކްސިން ޑޯޒް ނުވަތަ ބޫސްޓާ ޑޯޒް ޖަހާފައި ނުވާ މީހުންނެވެ.

ސިއްހީ އޮފިޝަލުން ވަނީ، ބޫސްޓާ ޑޯޒް ޖެހުމަކީ، އޮމިކްރޯން ޖެހިގެން ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމުގެ ފުރުސަތު، 88 ޕަސެންޓް ދަށް ކުރުމަށް އެހީވެދޭ ކަމެއް ކަން ހާމަ ކުރައްވާފައެވެ. ހޯދުންތަކަށް ބަލާއިރު، ކޮވިޑުން ދިފާއު ވުމަށް ތައްޔާރު ކޮށްފައިވާ ވެކްސިންގެ 2 ޑޯޒް ފުރިހަމަ ކުރުމުން ވެސް، އޮމިކްރޯން ޖެހި، ހޮސްޕިޓަލުގައި އެޑްމިޓް ކުރަން ޖެހުމުގެ ފުރުސަތު، 72 ޕަސެންޓް، ކުޑަ ކޮށްދެއެވެ.

ކޮވިޑުން ދިފާއުވުމަށް އުފައްދާފައި ވާ ވެކްސިންގެ ބޫސްޓާ ޑޯޒްގެ ގޮތުގައި އިނގިރޭސިވިލާތާއި އެހެންވެސް ބައެއް ގައުމުތަކުން 3 ވަނަ ޑޯޒެއްގެ ވެކްސިން ޖަހައި ދެމުން ދާއިރު، ބަލިން ދިފާއު ހޯދުމުގެ ނަމުގައި އިޒްރޭލުން ވަނީ 4 ވަނަ ޑޯޒްއެއް އާބާދީއަށް ފޯރުކޮށްދިނުމުގެ އަމާޒު ހިފާފައެވެ.

މީލާދީ އާ އަހަރަކާ ކުރިމަތިލާފައި ވާ އިރު، އިންތިހާ ހަލުވި ކަމާއެކު ފެތުރެމުންދާ އޮމިކްރޯންގެ ނުރައްކާ، ދުނިޔޭގެ އެކި ހިސާބުތަކަށް ވަނީ ކުރިމަތި ވެފައެވެ. މި ވޭރިއަންޓްގެ ކޭސްތައް އެންމެ ފުރަތަމަ ރިޕޯޓް ކުރަން ފެށި ދެކުނު އެފްރިކާއިން ވަނީ، ގިނަ ބައެއްގެ ފުރާނަ ނުގެއްލި، މި ވޭރިއަންޓްގެ ރާޅު ފައިބައިގެން ގޮސްފައި ވާ ކަމަށްވެސް ރިޕޯޓް ކޮށްފައެވެ.