ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ހާއްސަކޮށް ދިރާގުން 2022 ވަނަ އަހަރުގެ ކަލަންޑަރު ނެރެފިއެވެ.
ދިރާގަކީ ކޮންމެ އަހަރުކުވެސް ތަފާތު ކޮންސެޕްޓްތަކަކަށް ކަލަންޑަރު ނެރެމުން އަންނަ ކުންފުންޔެކެވެ.
ފަތުރުވެރިކަމުގެ ސިނާޔަތުގެ ތަރައްގީގައި ފާހަގަކޮށްލެވޭ 12 ލަނޑުދަނޑިއަކަށް އަލިއަޅުވާލައި ފަރުމާކޮށްފައިވާ މި ފުރިހަމަ ކަލަންޑަރު ޓޫރިޒަމް މިނިސްޓަރު ޑރ.އަބްދުﷲ މައުސޫމް އަށް މިއަދު ދިރާގުންވަނީ ހަދިޔާ ކޮށްފައެވެ.
ޓޫރިޒަމް މިނިސްޓަރު މައުސޫމް ވިދާޅުވީ ދިރާގަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ތަރައްގީގެ މުހިންމު ބައިވެރިއެއް ކަމަށައި ރާއްޖޭގައި އުފެދުނު އެންމެ ފުރުތަމަ މުއާސަލާތީ ހިދުމަތްދޭ ކުންފުނީގެ ހައިސިއްޔަތުން ބޭރު ދުނިޔެއާއި ރާއްޖެ ގުޅުވާލުމުގައި މުހިންމު ދައުރެއްވަނީ އަދާކޮށްފާ ކަމަށެވެ. އަދި 2022 ވަނަ އަހަރުގެ ދިރާގް ކަލަންޑަރު ފަތުރުވެރިކަމުގެ ރަން އަހަރަށް ހާއްސަކުރިކަމީ ދިރާގާއި ފަތުރުވެރިކަމުގެ ސިނާއަތާއި އޮތް ބަދަހި ގުޅުން ރަމްޒުކޮށްދޭކަމެއް ކަމަށެވެ.
ދިރާގުގެ ޗީފް ކޮމާޝަލް އޮފިސާ އަލީ ރިޔާޒު ވިދާޅުވީ ދިރާގުން 2022 ވަނަ އަހަރުގެ ކަލަންޑަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލަށް ހާއްސަކުރުމަށް ނިންމީ ފާއިތުވެދިޔަ 50 ކާމިޔާބު އަހަރުގެ ތަރައްގީ ފާހަގަކޮށް މި ދައިރާގައި މަސައްކަތްކުރާ ހުރިހާ ބޭފުޅުންގެ ބުރަ މަސައްކަތް އަގުވަޒަންކުރުމުގެ ގޮތުން ކަމަށެވެ.