މި ސަރުކާރު ވެރިކަމަށް އައި އިރު، ރާއްޖޭގެ ހާލަތު އޮތީ 21 ވަނަ ގަރުނުގައި މެދުފަންތީގެ ގައުމެއް އޮންނަން ޖެހޭ ވަރަށް ވުރެ މާ ދަށުގައި ކަމަށް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މިއަދު ވިދާޅުވެއްޖެއެވެ.

މީހުން އާބާދު ވެފައިވައި ރަށްރަށުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު އަޅަން ހަވާލު ނުކޮށް ހުރި ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ފަށަން ކުންފުނިތަކާ ހަވާލުކުރި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަމީރު ވިދާޅުވީ، މި ސަރުކާރު ވެރިކަމާ ހަވާލުވި އިރު، ގިނަ ރަށްރަށުގައި އަސާސީ ވަސީލަތްތައް ގާއިމް ވެފައި ނެތް ކަމަށާއި، އެންމެ އަސާސީ ހިދުމަތްތައް ހޯދުމަށްޓަކައިވެސް އާންމުން ދިޔައީ ބޮޑެތި ބުރަތައް އުފުލަމުން ކަމަށެވެ.

ރާއްޖޭގެ ގިނަ ރަށްރަށުގައި އެންމެ އަސާސީ އުމްރާނީ ވަސީލަތްތައްވެސް ގާއިމުވެފައި ނެތްއިރު، ރަނގަޅު ފެންވަރުގެ ތައުލީމާއި ސިއްހީ ހިދުމަތް ހޯދުމަށް ރައްޔިތުން ދިޔައީ ބޮޑެތި ތަކުލީފުތައް އުފުލަމުން.
އަމީރު

އަމީރު ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރު ވެރިކަމާ ހަވާލުވީ، ހައްލުނުވެ ހުރި މައްސަލަތަށް ހައްލުކުރުމަށްޓަކައި ކަމަށާއި، އެގޮތުން ފެނާއި ނަރުދަމާގެ ނިޒާމުގެ މަސައްކަތްތައް ނުފެށި ހުރި ރަށްރަށުގައި މަސައްކަތްތައް ފެށިގެން ދިއުމުން، ހުރިހާ ރައްޔިތުންނަށްވެސް ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތްތައް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ލިބިގެންދާނެ ކަމަށެވެ.

"މިއާއެކު ދިވެހި ކޮންމެ ރައްޔިތަކަށްވެސް ހައްގުވާ ސާފު ބޯފެނާއި ނަރުދަމާގެ އަސާސީ ޚިދުމަތްތައް ކުރިއަށް އޮތް މަދުދުވަސްކޮޅުގެ ތެރޭގައި ބޭނުން ކުރަން ފެށޭވަރުވާނެ."
އަމީރު

އެއާއެކު، އަމީރު ވަނީ ސަރުކާރުން ނިމިދިޔަ ތިން އަހަރު ކޮށްފައިވާ މުހިންމު މަސައްކަތްތަކަށާއި، ރާއްޖޭގެ އިގްތިސޯދަށް އައި ކުރިއެރުންތަކަށް އަލި އަޅުވާލައްވާފައެވެ. އެގޮތުން، 2014 އާއި 2018 އާ ދެމެދު އެވްރެޖްކޮށް އިގުތިސާދީ ދުވެލި 6.4 ޕަސެންޓުގައި ހުރުމަށްފަހު، ޖެހިގެން އައި އަހަރު ރާއްޖޭގެ އިގްތިސޯދަށް 6.9 ޕަސެންޓުގެ ކުރިއެރުމެއް ލިބިފައިވާ ކަން އަމީރު ފާހަގަ ކުރެއްވިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ބައިވެރިވެވަޑައިގަތް މި ރަސްމިއްޔާތުގައި ފެނާއި ނަރުދަމާގެ ނިޒާމް ނެތް ރަށެއްގައި އެ މަޝްރޫއުތައް ފަށަން ކުންފުނިތަކާ ވަނީ މިއަދު ހަވާލުކޮށްފައެވެ. އެ މަޝްރޫއުތަކުގެ ދަށުން، 16 ރަށެއްގެ ނަރުދަމާ އަދި 23 ރަށެއްގެ ފެނުގެ ނިޒާމް ގާއިމްކުރުމަށް ވަނީ ހަވާލުކޮށްފައެވެ.