ރާއްޖޭގައި ފެނާއި ނަރުދަމާގެ ނިޒާމު އަޅަން ހަވާލު ނުކޮށް ހުރި ހުރިހާ ރަށެއްގައި އެ މަޝްރޫއުތައް ފަށަން ކުންފުނިތަކާ މިއަދު ހަވާލު ކޮށްފިއެވެ.

ފެނާއި ނަރުދަމާގެ ނިޒާމު ގާއިމު ކުރުމުގެ މަސައްކަތް ހަވާލު ކޮށްފައި ވާ ކުންފުނިތަކުގެ ތެރޭގައި ސްޓެލްކޯ، މާކެޓެކް މޯލްޑިވްސް، ފެނަކަ ކޯޕަރޭޝަން، އަދި ޑުޕްލެކްސް ޕްރައިވެޓް ލިމިޓެޑް ހިމެނެއެވެ.

މިގޮތުން 23 ރަށެއްގެ ފެނުގެ ނިޒާމު ގާއިމް ކުރުމާއި 16 ރަށެއްގެ ނަރުދަމާ ގާއިމް ކުރުމަށް ވަނީ ހަވާލު ކޮށްފައެވެ.

މިމަޝްރޫއުތަކާއެކު މުޅި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާގެ މަސައްކަތް ކޮންޓްރެކްޓަރަކާ ހަވާލު ނުކުރެވޭ އެއްވެސް ރަށެއް ނޯންނާނެ ކަމަށް ޕްލޭންނިން މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއުތަކުގެ ދަށުން ސާވޭކުރުން، ފެނާއި ނަރުދަމާ ނިޒާމް ފަރުމާ ކުރުން، ފެނާއި ނަރުދަމާ ނިޒާމުގެ ވިޔުގަ އެޅުން، އާރްއޯ ޕްލާންޓާއި ސްޓޯރޭޖް ޓޭންކް ބެހެއްޓުން ހިމެނެއެވެ.

މީގެ އިތުރުން ނަރުދަމާގެ ޕަމްޕް ސްޓޭޝަން ގާއިމްކުރުމާއި ސީ އައުޓް ފޯލް އެޅުން އަދި އިދާރީ އޮފީސް ގާއިމްކުރުން މި މަޝްރޫއުގެ ދަށުން ހިމނެއެވެ.

ދައުލަތުގެ ބަޖެޓުން ހަރަދުކުރާ މި 23 ރަށުގެ މަޝްރޫއުތަކުގެ ޖުމްލަ އަގަކީ 920 މިލިއަން ރުފިޔާ ކަމަށް މިނިސްޓްރީން ބުނެއެވެ.