ސިއްހީ ހާލަތު ރަނގަޅަށް މޮނިޓާ ނުކޮށް، ފައިޒާއިން ކޮވިޑް-19އަށް އުފެއްދި ބޭސް ބޭނުންކުރާނަމަ އޭގެ ސަބަބުން ފުރާނައަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސިއްހީ ބައެއް ތަޖުރިބާކާރުން ބުނެފިއެވެ.

އެމެރިކާގެ ނޫހަކަށް ދިން އިންޓާވިއުއެއްގައި އެގައުމުގެ ބައެއް ސިއްހީ ތަޖުރިބާކާރުން ބުނެފައި ވަނީ ކޮވިޑުން ދިފާއުވުމަށް ފައިޒާއިން އުފައްދާފައިވާ ބޭސް ބޭނުން ކުރާ ހުރިހާ މީހުން ވެސް ވަރަށް ބޮޑަށް ސިއްހަތަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.

ހާއްސަކޮށް ދާއިމީ ބަލިތަކަށް ބޭސް ބޭނުން ކުރަމުންދާ މީހުން މި ބޭސް ބޭނުންކުރާނަމަ ވަރަށް ގާތުން ސިއްހަތު މޮނިޓާ ކުރަން ޖެހޭނެކަމަށާ އެކަށިގެންވާ މިންވަރަކަށް އެކަމަށް ސަމާލުކަން ނުދެވިއްޖެނަމަ ބަލިމީހާގެ ފުރާނައަކަށް ނުރައްކާވުމަކީ އެކަށީގެންވާ ކަމެއްކަމަށް މި އިންޓަވިއުގައި ވަނީ ބުނެފައެވެ.

ސިއްހީ މާހިރުންގެ އިތުރުން ސައިންވެރިން ވެސް ވަނީ މިކަމަށް ތާއީދު ކޮށްފައެވެ. އެގޮތުން ކޮލޮރާޑޯ ޔުނިވާސިޓީގެ ސައިންސްވެރިއަކު ވިދާޅުވީ މި ބޭހާ ގުޅޭ މާ ބޮޑެތި ރިސާޗުތަކެއް އަދި ހެދިފައިނުވާ ކަމަށާ ބައެއް މީހުންނަށް ބޭހުގެ ނޭދެވޭ އަސަރު ކުރުމަކީ އެކަށީގެންވާ ކަމެއްކަމަށެވެ.

އެގޮތުން ދާއިމީ ބަލިތަކުގެ ތެރެއިންވެސް ހަކުރު ބަލި އަދި ހިތުގެ ބަލި ހުންނަ މީހުން މި ބޭސް ބޭނުން ކުރާނަމަ ހަށިގަނޑަށް އަންނަމުންދާ ހުރިހާ ބަދަލެއް ގާތުން ބަލައި ދިރާސާ ކުރުން މުހިއްމު ކަމަށް ވެސް ވިދާޅުވިއެވެ.

މިއީ "ޕެކްސްލޮވިޑް" ގެ ނަމުން ނަން ދެވިފައިވާ މި ބޭހަކީ 5 ދުވަހުގެ މުއްދަތަކަށް ބޭނުން ކުރަންޖެހޭ ބޭހެކެވެ.