ރާއްޖޭގައި ހިންގާ ކުށްތަކުގެ 85 ޕަސެންޓު ގުޅިފައި ވަނީ މަސްތުވާތަކެތީގެ މައްސަލަތަކާ ކަމަށް، ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެއެވެ.

ބޮޑެތި މައްސަލަތަކުގައި އަތުލައިގަންފައިވާ މަސްތުވާތަކެތި ނައްތާލުން ފެށުމަށްޓަކައި މިއަދު ދޫނިދޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަމީދު ވިދާޅުވީ، 2018 އިން ފެށިގެން ފާއިތުވި ތިން އަހަރު ދުވަހުގެ ތެރޭ 1،801 ކިލޯގެ މަސްތުވާތަކެތި ނައްތާލާފައިވާ ކަމަށެވެ.

ހަމީދު ވިދާޅުވީ، 2019 އިން ފެށިގެން ކޮންމެ އަހަރަކު އެވަރެޖްކޮށް 500 އަށް ވުރެ ގިނަ މީހުން އަލަށް މަސްތުވާތަކެތި ބޭނުން ކުރަން ފަށާ ކަމަށެވެ. އެގޮތުން މަސްތުވާތަކެއްޗާ ބެހޭ މައްސަލަ ބޮޑުވަމުން ދާތާ 50 އަހަރު ވާން ކައިރިވެފައި ވާއިރު، ރާއްޖޭގައި ހިނގާ ކުށްތަކުގެ 85 ޕަސެންޓު ގުޅިފައި ވަނީ މަސްތުވާތަކެއްޗާ ކަމަށެވެ.

ހަމަ އެއާއެކު، މާލޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ 43 އައްޑާއެއް މިހާރުވެސް ހިންގަމުންދާ ކަމަށް ވިދާޅުވެ، އެ ތަންތަނުގައި އެކި އުމުރުގެ މީހުން ބޭނުންކޮށްގެން މަސްތުވާތަކެތީގެ ވިޔަފާރި ފުޅާކޮށް، މަސްތުވާތަކެތީގެ ވަބާގައި ގިނަ ބަޔަކު ޖައްސަމުން ދާ ކަން ހަމީދު ވަނީ ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން، މަސްތުވާތަކެތީގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން މަސްތުވާތަކެތީގެ ވިޔަފާރި ރޫޅާލުމަށްޓަކައި ކަމާބެހޭ ފަރާތްތަކާ ގުޅިގެން ފުލުހުން އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

މީގެ ކުރިންވެސް ހަމީދު ވަނީ، މަސްތުވާތަކެތީގެ މައްސަލަތައް އިތުރުވާތީ ކަންބޮޑުވުން ފާޅުކުރައްވައި ވާހަކަ ދައްކަވާފައެވެ.