މިނިވަން މެންބަރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލީހުގައި ނޮޅިވަރަމް ދާއިރާ ތަމްސީލް ކުރައްވާ މުހައްމަދު ނަޝީދު އަބްދުﷲ (މޮސްޓާ) ދާދި އަވަހަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންއާ ގުޅިވަޑައިގަންނަވާނެ ކަމުގެ އިޝާރާތެއް ދެއްވައިފިއެވެ.
ޕީޕީއެމް އޮފީހުގައި ރޭ ބޭއްވި ޖަލްސާއެއްގައި ބައިވެރިވެވަޑައިގެން މޮސްޓާ ވިދާޅުވީ އޭނާއަކީ އަބަދުވެސް ޕީޕީއެމް ޕީއެންސީގެ ފިކުރުގެ ބޭފުޅެއް ކަމަށެވެ.
މޮސްޓާ ވަނީ ހއ. ތުރާކުނުން ފެށިގެން ނ. ކަނޑޫދުއާ ހަމައަށް ޕީޕީއެމްގެ އެއްވެސް މެންބަރެއް ނެތްކަން ފާހަގަކުރައްވާ ވަރަށް އަވަހަށް އެ ސަރަހައްދުން ޕީޕީއެމްގެ މެންބަރުންތަކެއް ފެންނާނެ ކަމަށް ވިދާޅުވެފައެވެ.
ދުވަސްކޮޅަކަށް އެމްއެންޕީ އުފައްދަވަން މަސައްކަތް ކުރެއްވި އިރު އޭނާއަށް އިހުސާސް ކުރެއްވުނު ކަމަކީ ޕީޕީއެމް ޕީއެންސީގެ ފިކުރާ ދުރަށް އޭނާ ވަޑައިގެންފައި ނުވާ ކަން ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް ތިން އަހަރު ވެގެން ދިޔައިރު އޭނާއަށް އިހުސާސް ކުރެއްވުނު އަނެއް ކަމަކީ ގައުމަށް ހެޔޮ އެދިގެން ރާއްޖޭގައި ވެރިކަން ކުރެއްވި ހަމައެކަނި ރައީސަކީ ވެސް އިދިކޮޅުގެ ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ.
މި ވަގުތު މިނިވަން މެންބަރެއްގެ ގޮތުގައި ހުންނެވި ނަމަވެސް ޕީޕީއެމްގެ ޕޯޑިއަމަކަށް އެރުއްވުމަކީ ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވި ކަމަށެއް ކަމަށާއި ކައިރި މުސްތަގުބަލެއްގައި މޮސްޓާ އެއަށް ވުރެ ބޮޑަށް "ޕީޕީއެމްއާ ގާތްވާނެ" ކަމަށް މޮސްޓާ ވިދާޅުވިއެވެ.
މޮސްޓާ ވަނީ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމު އުފެއްދެވި އެމްއެންޕީ އުފެއްދެވުމުގައި މަސައްކަތް ކުރައްވާފައެވެ. އެހެންނަމަވެސް މޮސްޓާ އެ ޕާޓީއަށް ސޮއިކުރައްވާފައެއް ނުވެއެވެ.