މަނީ ލޯންޑަރިން މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ބެންޗުގައި ހިމެނޭ ތިން ފަނޑިޔާރުން ދައްކާފައިވާ ވާހަކަތަކެއް ކަމަށް ބުނެ ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އަޑު ދިމާނުވާތީ ޖޭއެސްސީން އޭނާގެ ސަސްޕެންޝަން އުވާލައިފިއެވެ.
ޖޭއެސްސީން ބުނީ، ލީކުވި އޯޑިއޯތަކުގެ މައްސަލައިގައި މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑިޕާޓްމަންޓުން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް އިން ހެދި އޯޑިއޯތަކުގެ ފޮރެންސިކް އެނަލިސިސް އިން އެ އޯޑިއޯ ގައިވާ އަޑާއި ގާޒީ ފާއިޒުގެ އަޑު ދިމާނުވާ ކަމަށެވެ. ގާޒީ ފާއިޒް މީގެ ކުރިން ވެސް އެފަދަ ވާހަކަތކެއް ދައްކާފައި ނުވާ ކަމަށް ވެސް ވިދާޅުވެފައި ވާތީ އާއި އެ އެނަލިސިސް އިން އެ އޯޑިއޯތަކަކީ ސައްހަ އޯޑިއޯތަކެއް ނޫން ކަމަށް ބުނާތީ، ގާޒީ ފާއިޒުގެ ސަސްޕެންޝަން އުވައިލަން ނިންމައިފައިވާ ކަމަށް ޖޭއެސްސީން ބުނެއެވެ.
އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އޯޑިއޯ ކަމަށް ބުނެ ސޯޝަލްމީޑިއާގައި އާންމު ވި އޯޑިއޯތަކުގެ ތެރެއިން ގާޒީ އަލީ އާދަމްގެ އަޑާއި ގާޒީ މުހައްމަދު ސަމީރުގެ އަޑާ ލީކް ވި އޯޑިއޯއަކާ ދިމާނުވާ ކަން ޖޭއެސްސީން ވަނީ ބުނެފައެވެ.
ފުލުހުންގެ ތަހުގީގަށް ބިނާކޮށް އެ ކޮމިޝަނުން އޭރު ބުނީ، އެ ތިން ފަނޑިޔާރުންގެ އޯޑިއޯއަކީ ޓެމްޕާކޮށް، ވަކި ބައިތަކެއް ޑިލީޓްކޮށް، ނުވަތަ ވަކި ކްލިޕްތަކުން ގުޅުވާފައިވާ އޯޑިއޯތަކެއް ކަމަށެވެ. އަދި ގާޒީ ފާއިޒުގެ އޯޑިއޯ ކަމަށް ބުނާ އޯޑިއޯވެސް އޮތީ ޓެމްޕާކޮށްފައި ކަމަށާއި، ނަމަވެސް އޯޑިއޯގައިވާ އަޑާއި އޭނާގެ އަޑު ދިމާވާ ކަމަށް ފުލުހުން ކުރި ތަހުގީގަށް ހާމަވި ކަމަށް ބުނެފައި ވެއެވެ.
ފުލުހުންގެ އޯޑިއޯ އެނަލިސިސްގައި ކަނޑައަޅާފައި ވަނީ ލީކުވި އޯޑިއޯތަކުގެ އަޑާ ދިމާ ވަނީ ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒު ރަޝާދުގެ އެކަނި ކަމަށެވެ. އެހެންކމަުން މިދިޔަ ނޮވެމްބަރު މަހުގެ ކުރީ ކޮޅު އޭނާ ވަނީ 60 ދުވަހުގެ މުއްދަކަށް ޖޭއެސްސީން ސަސްޕެންޑް ކޮށްފައެވެ.