މި ދުވަސްވަރަކީ ވެލާނާ އެއާޕޯޓަށް ބާރުބޮޑު ދުވަސްތަކެއް ކަމުގައި ވުމުން، އިތުރު ފްލައިޓްތައް އެކޮމޮޑޭޓް ކުރުމަށްޓަކައި އެއާޕޯޓުގެ އޮޕަރޭޝަންތައް ފަށާ ގަޑިތައް ބަދަލުކޮށްފިއެވެ.

ރާއްޖޭގެ މައި އެއާޕޯޓު ކުންފުނި އެމްއޭސީއެލުން ރޭ ބުނީ، އިތުރު ފްލައިޓްތައް އެކޮމަޑޭޓް ކުރުމުގެ ގޮތުން މިއަދުން ފެށިގެން މި އަހަރުގެ ނިޔަލަށް ކޮންމެ ދުވަހަކު ފަތިހު ފަހެއް ޖަހާއިރު އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ވަނީ ހަމަޖެހިފައި ކަމަށެވެ.

މި ބަދަލާއެކު، މި އަހަރުގެ ނިޔަލަށް އެތެރޭގެ އިތުރު ފްލައިޓްތަކަށާއި، ބޭރުން އަންނަ އިތުރު ފްލައިޓްތައް އެކޮމަޑޭޓް ކުރެވޭނެ ކަމުގައި އެކުންފުނިން ބުންޏެވެ.

އާ އަހަރާ ދިމާކޮށް، ކޮންމެ އަހަރެއްގެވެސް މި ދުވަސްވަރު ގިނަ އަދަދެއްގެ މީހުން ބޭރު ގައުމުތަކަށް ޗުއްޓީއަށް ދެއެވެ. ހަމަ އެހެންމެ، މި ދުވަސްވަރަކީ ފަތުރުވެރިން އެންމެ ގިނައިން ރާއްޖެއަށް އަންނަ ދުވަސްވަރު ކަން ވެސް ފާހަގަ ކުރެވެއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިމަހުވެސް ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. އެގޮތުން މި ހިނގާ ޑިސެމްބަރުގެ 22 ގެ ނިޔަލަށް 113،367 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިއަހަރު ލައްކައަކަށް ވުރެ ގިނަ ފަތުރުވެރިން އައި ހަތްވަނަ މަހެވެ.