އައްޑޫ ސިޓީ ކައުންސިލްގެ ދަށުން އެ ސިޓީގެ ހުޅުދުއާއި މީދޫ ވަކިކުރުމާ މެދު ގޮތެއް ނިންމުމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އާންމުންނަށް ހުޅުވާލައްވައިފިއެވެ.

މިއަދު ރޮޒައިނާ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކައުންސިލްގެ ދަށުގައި އޮވެ، ހުޅުދުއާއި މީދުއަށް ވަނީ ފައިދާތޯ ނުވަތަ ގެއްލުންތޯ ބަލަން ޖެހިފައިވާ ކަމަށެވެ.

ރޮޒައިނާ އިތުރަށް ވިދާޅުވީ، ކައުންސިލުން ނިންމާ ކޮންމެ ނިންމުމެއްގެ ސަބަބުންވެސް ހުޅުދުއާއި މީދޫގެ ރައްޔިތުންނަށް އެތައް ދައްޗަކާ ކުރިމަތިލާން ޖެހޭ ކަމަށާއި، އާ ކައުންސިލުން ހަވާލުވުމުން އެ ޝަކުވާތަކަށް ހައްލެއް ލިބިގެން ދާނެ ކަމަށް އެ ދެ އަވަށުގެ ރައްޔިތުން އުންމީދުކުރި ކަމަށެވެ.

"ނަމަވެސް މި ޝަކުވާތަކަށް ނިމުމެއް ނައި." ރޮޒައިނާ ވިދާޅުވިއެވެ.

އެހެންކަމުން، ރޮަޒައިނާ ވަނީ މިކަމުގައި އެ ދެ އަވަށުގެ އާންމުން ދެކޭގޮތް ބައްލަވާލައްވަން ބޭނުން ކަމަށް ވިދާޅުވެ، ކައުންސިލްގެ ދަށުން އެ ދެ އަވަށް ވަކިކުރުމަށް ރުހޭނަމަ، އަންނަ ފެބްރުއަރީގައި މަޖިލީހުގެ މަސައްކަތްތައް ފަށާއިރު އެކަން ކުރުމަށް ގާނޫނަށް އިސްލާހު ހުށަހަޅުއްވާނެ ކަމަށް ވިދާޅުވެފައެވެ.

"އެހެންކަމުން ހުޅުދޫ މީދޫ ރައްޔިތުން މިކަމާ ދޭތެރޭ ދެކޭގޮތް ހިއްސާ ކޮށްދެއްވުން އެދެން." ރޮޒައިނާ ވިދާޅުވިއެވެ.

މިކަމާ މެދު އައްޑޫ ކައުންސިލްގެ ބަހެއް ލިބޭގޮތް ވަނީ އަދި ނުވެފައެވެ.