ފުޓްބޯޅަ އެސޯސިއޭޝަން އެފްއޭއެމުން މީޑިއާ ބޮއިކޮޓް ކުރަމުން ދަނީ ކްލަބްތައް ލައްވައި އަޑީގައި ތިބެގެން ކަމަށް، އެފްއޭއެމްގެ ކުރީގެ ރައީސް އަދި ނިއުރޭޑިއަންޓްގެ ކުރީގެ ޗެއާމަން އާދަމް އާޒިމް ވިދާޅުވެއްޖެއެވެ

ކްލަބްތަކުން އިއްޔެ "މިހާރު" ނޫސް ބޮއިކޮޓް ކުރުމުން، އެކަމާ ގުޅިގެން ކުރެއްވި ޓްވީޓެއްގައި އާޒިމް ވަނީ، މިކަމަކީ އެފްއޭއެމުން އަޑީގައި ތިބެގެން ކްލަބްތައް ލައްވައި ކުރުވާ ކަމެއްގެ ގޮތުގައި ތުހުމަތު ކުރައްވައި، އަދި މިއީ "މުޑުދާރު" އަމަލެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ.

މީގެ އިތުރުން، މީޑިއާ ކައުންސިލްގެ ރައީސް ސަހުބާން ފަހުމީ އެކަން ކުށްވެރި ކުރައްވައި ވިދާޅުވީ، މިފަދަ ކަންކަމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި މީޑިއާގައި ލިޔާ ލިޔުންތަކުގެ މައްސަލައެއް އުޅޭނަމަ އެކަން ހައްލުކުރަން ޖެހޭނީ ގާނޫނުގެ ތެރެއިން ކަމަށްވެސް ސަހުބާން ވަނީ އިއްޔެ ވިދާޅުވެފައެވެ.

ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްތަކުގައި "މިހާރު" ނޫހުން ބައިވެރިވާތީ، ހަތް ކްލަބަކުން ވަނީ ޕްރެސް ބްރީފިންތައް ބޮއިކޮޓް ކޮށްފައެވެ. އިއްޔެގެ ޕްރެސް ކޮންފަރެންސްގައި މީޑިއާ އާ ހަމައެކަނި ވާހަކަ ދެއްކީ ސުޕަ ޔުނައިޓަޑް ސްޕޯޓްސް (ސަސް) ގެ ކޯޗު އިސްމާއީލް މަހްފޫޒް (އިންމަ) އެވެ.

"މިހާރު" ނޫސް ބައިވެރިވާ ޕްރެސްތައް ބޮއިކޮޓްކުރި ކްލަބްތައް

  • ކްލަބް ވެލެންސިއާ
  • ކްލަބް އީގަލްސް
  • ކްލަބް ގްރީން ސްޓްރީޓް
  • ޑަ ގްރާންޑޭ ސްޕޯޓްސް ކްލަބް
  • ޓީސީ ސްޕޯޓްސް ކްލަބް
  • މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން
  • ޔުނައިޓަޑް ވިކްޓްރީ

އެއާއެކު، އެފްއޭއެމުން ބުނީ މި މައްސަލަ ބަލަމުން ގެންދާނެ ކަމަށެވެ. މި މައްސަލާގައި ގިނަ ބަޔަކު ވަނީ ކްލަބްތަކަށް އަދި އެފްއޭއެމަށް ފާޑު ކިޔައިފައެވެ.