ހިޔާ ފްލެޓް ތަކުގެ ގްރޭސް ޕީރިއަޑް ނުވަތަ ކުލި ނުދައްކާ މުއްދަތު އިތުރު ނުކޮށްދޭތީ މިއަދު ހަވީރު ބައްދަލުވުމެއް ބާއްވަން ނިންމައިފިއެވެ.
ބޯހިޔާވަހިކަމަށް އަޑުއުފުލާ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ "ކަތަރު ކޮށި" އާއި ހިޔާ ޔޫނިއަން އިން ބުނީ މިބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 ގައި ހިޔާ ފްލެޓް ސަރަހައްދުގައި ކަމަށެވެ.
މި ހަރަކާތުގެ އެކި ބައިބައި މިއަދުން ފެށިގެން 31 ހާއި ހަމަޔަށް ކުރިއަށް ދާނެ ކަމަށާއި އަދި އުންމީދު ކުރަނީ 31 ގެ ކުރިން ސަރުކާރުން ހަމަޖެހޭ ގޮތެއް ނިންމުން ކަމަށް އެޖަމިއްޔާތަކުން ބުނެއެވެ.
އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ކުލި ދައްކަން ޖެހޭ އިރު، ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށްޓަކައި ދޭން ނިންމާފައިވާ ގްރޭސް ޕީރިއަޑް މީގެ ކުރިންވެސް އެޗްޑީސީން ވަނީ ތިން މަހުން ހަތަރު މަހަށް އިތުރު ކޮށްދީފައެވެ.
ނަމަވެސް، ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ހަތަރު މަސް އެކަށީގެން ނުވާ ކަމަށް ފްލެތްތަކުގައި ދިރިއުޅޭ ބައެއް ފަރާތްތަކުން ވަނީ ބުނެފައެވެ. ހަމަ އެއާއެކު، ހިޔާ ފްލެޓްތަކުގެ ފިނިޝިން މަސައްކަތްތައް ނިންމުމަށް ބައެއް މީހުންގެ އަތުން އެޑްވާންސަށް ފައިސާ ނެގުމަށް ފަހު އެ މަސައްކަތްތައް އެއްބަސްްވި ދުވަހަށް ނުނިންމާ ކަމުގެ ޝަކުވާވެސް ވަނީ ބޮޑުވެފައެވެ.
މިކަމާ ގުޅިގެން "ދަ ޕްރެސް" އިން ސުވާލުކުރުމުން އެޗްޑީސީން ބުނީ، ފްލެޓްތަކުގެ ގްރޭސް ޕީރިއަޑް އިތުރުކުރުމާ ގުޅޭ ގޮތުން ސަރުކާރާއެކު މަޝްވަރާތައް މިހާރު ކުރިއަށްދާ ކަމަށާއި، އަދި އެކަމާ މެދު ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށެވެ.
މީގެ ދުވަސްކޮޅެއް ކުރިން ހިޔާ ފްލެޓްތަކުގެ ރަށްވެހިންގެ ޖަމިއްޔާ ކަމަށްވާ ހިޔާ ޔޫނިއަނުން މީޑިއާތަކަށް ބުނީ، ކުލި ދައްކަން ޖެހޭ މުއްދަތު އިތުރުކުރުމާ ގުޅޭ ގޮތުން އެޗްޑީސީއާ އެކު މަޝްވަރާކުރި ކަމަށާއި، އެކަމާ ގުޅޭ ގޮތުން ސަރުކާރަށް ހުށަހަޅަންޖެހޭ ލިޔުންތައް ފޮނުވުމަށް ތައްޔާރުވަމުން ދާ ކަމަށް އެޗްޑީސީން ބުނެފައިވާ ކަމަށެވެ.
އަންނަ މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ މަހު ކުލީގެ ގޮތުގައި މެއިންޓެނޭންސް އާ އެކު ޖުމްލަ 8،500ރ. ދައްކަން ޖެހޭނެއެވެ. ނަމަވެސް އެ އަދަދު ބޮޑުވެގެން 6،500ރ. އަށް ކުޑަކޮށްދިނުމަށް ފްލެޓް ލިބުނު މީހުން ސަރުކާރުގައި ވަނީ އެދިފައެވެ. އަދި ފްލެޓް ހަވާލުކުރި އިރު ފިނިޝިންގެ މަސައްކަތްތައް ނިމިފައި ނުވާތީ، ފިނިޝިންއަށް ހަރަދުވާ ވަރުން އެއްލައްކަ ރުފިޔާ ސަރުކާރުން ދިނުމަށްވެސް އެމީހުން ވަނީ އެދިފައެވެ.
ރައީސް އިބޫ ރާއްޖޭގެ ރައީސް ކަމުން ބޭރުކުރޭ