ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭން އިތުރަށް ފުޅާކުރުމުގެ ގޮތުން، ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން ފ. ނިލަންދުއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.

ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ޕްރެސް ބްރީފިންގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ސްޕޯކްސްޕާސަން ހީނާ ވަލީދު ވިދާޅުވީ، މާދަމާ ނޫން އޭގެ އަނެއް ދުވަހު ޔާމީން ނިލަންދުއަށް ފުރާ ވަޑައިގަންނަވާނެ ކަމަށާއި، އެ ދުވަހު އެ ރަށުގައި ހިންގާ ހަރަކާތްތަކުގައިވެސް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށެވެ.

އެގޮތުން އެ ދުވަހުގެ ހަވީރު ބައެއް ހަރަކާތްތައް ކުރިއަށް ގެންދާއިރު، ހަމަ އެ ދުވަހުގެރޭ ޔާމީން ބައިވެރިވެވަޑައިގަންނަވާ ޖަލްސާއެއްވެސް އޮންނާނެއެވެ. އަދި ކައިރި ރަށްރަށުގައި ތިބި ކޯލިޝަން ތަމްސީލުކުރައްވާ ކައުންސިލަރުންނާއި އެ ރަށުގެ ރައްޔިތުންނަށް ޔާމީނާ ބައްދަލުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށްވެސް ހީނާ ވިދާޅުވިއެވެ.

މީގެ އިތުރުން ހީނާ ވިދާޅުވީ، "އިންޑިއާ އައުޓް" ޕެޓިޝަނަށް ސޮއި ހޯދުމުގެ މަސައްކަތްތައް އެ ރަށްރަށުގައި ކުރަމުންދާނެ ކަމަށާއި، އެ ޕެޓިޝަނަށް އާންމުންގެ ތަރުހީބު ލިބެމުން އަންނަ ކަމަށެވެ.

"އިންޑިއާ އައުޓް" ހަރަކާތް ފުޅާކުރުމުގެ ގޮތުން، ޔާމީން ވަނީ މިދިޔަ ހަފްތާ ބަންދުގައި ގުރައިދޫއާއި ތުލުސްދޫ ހިމެނޭ ގޮތަށް ކ. އަތޮޅުގެ ބައެއް ރަށްރަށަށް ވަޑައިގެންފައެވެ. އެގޮތުން ތުލުސްދުއަށް ވަޑައިގެން ޔާމީން ވަނީ އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް ފެންނަ ނުފެންނަ ވޯތެއް ނެގުމަށް ގޮވާލައި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.