ތޫފާން ރާއީގެ ސަބަބުން ފިލިޕިންސްގެ ބައެއް ސަރަހައްދުތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް އެގައުމުގެ ފްލައިން ސްކޫލުގައި ތިބި ދިވެހި ދަރިވަރުންގެ ހާލު ރަނގަޅު ކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީއިން ބުނެފިއެވެ.
ފޮރިން މިނިސްޓްރީ އިން ބުނީ ދިވެހި ދަރިވަރުން ކިޔަވާ ފްލައިން ސްކޫލާ މިހާރު ގުޅިފައިވާ ކަމަށާއި 45 ދިވެހި ދަރިވަރުން އެބަތިބި ކަމަށެވެ. އަދި ކާނާ އާއި ބޯ ފެން އެކުދިންނަށް ވަނީ ލިބިފައިވާ ކަމަށާއި އެހެންނަމަވެސް ތޫފާނުގެ ސަބަބުން އެސަރަހައްދުން ކަރަންޓު ކެނޑިފައިވާ ކަމަށް ފޮރިން މިނިސްޓްރީއިން ބުނެއެވެ.
ފޮރިން މިނިސްޓްރީއިން ބުނީ އެ 45 ދަރިވަރުންގެވެސް ހާލު އާއްމު ގޮތެއްގައި ރަނގަޅު ކަމަށާއި ބައެއް ދަރިވަރުންގެ ބެލެނިވެރިންގެ އެދުމުގެ މަތިން އެ މިނިސްޓްރީއިން އިއްޔެއާއި މިއަދު ބެލެނިވެރިންނާ ބައްދަލުކުރި ކަމަށެވެ. އަދި ތޫފާނުގެ ސަބަބުން އެސަރަހަށްދަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްގެ ކަމާބެހޭ އިދާރާތަކަށް ދަތިތަކާ ވަނީ ދިމާވެފާކަން ފާހަގަކޮށް ފޮރިން މިނިސްޓްރީއިން ބުނީ ދިވެހި ދަރިވަރުންނަށް އިތުރު އެހީތެރިކަން ފޯރުކޮށްދިނުމަށް ފިލިޕީންސްއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަދި ފިލިޕީންސްގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސުލް ގުޅިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ތޫފާނު ރާއީ ފިލިޕީންސަށް އަރާފައި ވަނީ ގަޑިއަކު 195 ކިލޯމީޓަރުގެ ބާރުމިނުގައެވެ. އަދި 30 އަށް ވުރެ ގިނަ މީހުން ވަނީ މި ތޫފާނުގެ ސަބަބުން މަރުވެފައެވެ. ހަމައެހެންމެ 3 ލައްކަ އަށްވުރެ ގިނަ މީހުން ވަނީ ހާލުގައި ޖެހިފައެވެ.