އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ބާ ޖަމާލުއްދީނުގެ ބިން ހަމަޖައްސައި ދީފިއެވެ.

މީގެ އަށް އަހަރު ކުރިން ބޭނުން ކުރަން ފެށި އަރަބިއްޔާގެ އިމާރާތް ހަލާކުވުމުގެ ސަބަބުން، އެޑިއުކޭޝަން މިނިސްޓްރީން ނިންމާފައި ވަނީ އެ ސްކޫލްގެ ދަރިވަރުންގެ ކިޔެވުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރުމަށެވެ.

ނަމަވެސް، އެ މައްސަލާގައި ބެލެނިވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށް، އެޑިއުކޭޝަން މިނިސްޓްރީން ނިންމި ނިންމުން ބަދަލުކޮށްދިނުމަށް އެދިފައެވެ. އަދި އެ މައްސަލާގައި ހުރި ކަންބޮޑުވުންތައް ބަޔާންކޮށް، ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައި ވެއެވެ.

އެ މައްސަލާގައި ބެލެނިވެރިން މިދިޔަ ހޮނިހިރު ދުވަހުގެރޭ ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކުރިއިރު، އިއްޔެގެ ވަގުތެއްގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ އާ ބައްދަލުކޮށް ބެލެނިވެރިން ވަނީ ހުރި ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. ބެލެނިވެރިންނާ ބައްދަލުކުރައްވައި މިނިސްޓަރު ވިދާޅުވީ، އަރަބިއްޔާ ހިންގާ އިމާރާތުގެ ޖާގައިގެ މައްސަލަ ހައްލުކުރުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިއަދު އެ މައްސަލާގައި އަރަބިއްޔާގެ ޕީޓީއޭއިން ރައީސާ ވެސް ބައްދަލުކޮށްފައި ވެއެވެ.

މިހާރު އަރަބިއްޔާ ހިންގާ އިމާރާތަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުން ކުރެވޭނެ ގޮތަށް މަރާމާތު ކުރާށެވެ. އަދި އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީން ފަށާފައެވެ.