އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި މައްސަލާގައި ބެލެނިވެރިންގެ ކަންބޮޑުވުން ތަކާއެކު މިއަދު ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރަން ހަމަޖެހިއްޖެއެވެ. ރައީސްގެ މި ބައްދަލުވުން އޮންނާނީ މިއަދު 11 ޖަހާއިރުއެވެ.

މި މައްސަލާގައި އެ ސްކޫލްގެ ޕީޓީއޭ އާއި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވަނީ އިއްޔެ ހަވީރު އަރަބިއްޔާ ސްކޫލްގައި ބައްދަލުކުރައްވައި، ބެލެނިވެރިންގެ ކަންބޮޑުވުންތައް އޮޅުން ފިލުއްވާފައެވެ.

އެ ބައްދަލުވުމަށް ފަހު މީޑިއާ އާ ވާހަކަ ދައްކަމުން އެ ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ބުނީ، އިއްޒުއްދީން ސްކޫލުގައި ތިބި 200 އެއްހާ ދަރިވަރުން އެހެން ސްކޫލުތަކަށް ބަދަލު ކުރުމަށް ފަހު، އިއްޒުއްދީން، ހަމައެކަނި އަރަބިއްޔާ އަށް ދީފިނަމަ އެކަން ގަބޫލު ކުރާނެ ކަމަށެވެ.

ހަމަ އެހެންމެ، އަންނަ މަހުގެ 16 ގައި ފަށާ މި ހިނގާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގައި އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާ އެކު ކިޔަވަން ޖެހިއްޖެނަމަ ސްކޫލަށް ދަރިވަރުން ނުގެންދާނެ ކަމަށްވެސް ޝާދިޔާ ބުނެފައި ވެއެވެ.

މިދިޔަ ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީ، މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުން ދާ ސްކޫލްތަކުގެ ތެރެއިން ސްކޫލެއް ހާއްސަ ކުރުމަށާއި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުން ދާ ކަމަށާއި، ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން، އެ އެސެސްމަންޓުގައިވާ ލަފަޔާ އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް، އެޑިއުކޭޝަނުން މި ނިންމުން ނިންމާފައި ވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލުވާން ބެލެނިވެރިން ދެކޮޅު ހަދަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެކަން ފާހަގަކޮށް އަރަބިއްޔާގެ ޕީޓީއޭއިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ، އެ ސްކޫލްގެ ބެލެނިވެރިންނާއި މެނޭޖްމެންޓުގެ އިއްތިފާގުން އެއްބަސްވީ، އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ކޮށްފި ނަމަ، ދަރިވަރުންގެ އެންމެހާ ކަންކަމަށް ބުރޫ އަރާނެ ކަމަށެވެ.