އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީންގެ ނިންމުމަކީ ބެލެނިވެރިންނަށް އޮތް ޗޮއިސްއެއް ނޫން ކަމަށް މިނިސްޓްރީން ބުނިނަމަވެސް އެ މައްސަލައިގައި ހައްލެއް ނުލިބެނީސް މަސައްކަތް ހުއްޓާ ނުލާނެ ކަމަށް، އެ ސްކޫލުގެ ބެލެނިވެރިން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ މިއަދު ހަވީރު އަރަބިއްޔާ ސްކޫލަށް ވަޑައިގެން އެ ސްކޫލުގެ ޕީޓީއޭއާ ބައްދަލުކުރައްވާ ބެލެނިވެރިންގެ ހުރި ކަންބޮޑުވުންތައް ވަނީ އޮޅުއްފިލުއްވާފައެވެ.
އެ ބައްދަލުވުމަށް ފަހު މީޑިއާ ވާހަކަ ދައްކަވަމުން އެ ސްކޫލްގެ ޕީޓީއޭގެ ނައިބު ރައީސް އައިޝަތު ޝާދިޔާ ވިދާޅުވީ އިއްޒުއްދީން ސްކޫލުގައި ތިބި 200 އެއްހާ ދަރިވަރުން އެހެން ސްކޫލުތަކަށް ބަދަލު ކުރުމަށް ފަހު، އިއްޒުއްދީން ހަމައެކަނި އަރަބިއްޔާ އަށް ދީފިނަމަ އެކަން ގަބޫލު ކުރާނެ ކަމަށެވެ.
ޝާދިޔާ އިތުރަށް ވިދާޅުވީ އަންނަ މަހުގެ 16 ގައި ފަށާ މި ހިނގާ ދިރާސީ އަހަރުގެ ދެ ވަނަ ޓާމުގައި އިއްޒުއްދީން ސްކޫލުގެ ދަރިވަރުންނާ އެކު ކިޔަވަން ޖެހިއްޖެނަމަ ސްކޫލަށް ދަރިވަރުން ނުގެންދާނެ ކަމަށެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޕީޓީއޭގެ ހަޒާންދާރު އަދި ޕީޓީއޭގެ ކުރީގެ ނައިބުރައީސް ޔޫސުފް ވިދާޅުވީ، މިނިސްޓަރު ތަކުރާރުކޮށް ވިދާޅުވީ އިއްޒުއްދީން ސްކޫލް ނޫން އެހެން ޗޮއިސްއެއް ނެތް ކަމަށެވެ.
މިއަދު ބޭއްވި ބައްދަލުވުން ނިންމާލުމަށް ފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޑރ. އައިޝަތު ވިދާޅުވީ، ހަފުތާއެއްގެ ތެރޭގައި އަރަބިއްޔާގެ ދަރިވަރުންނަށް އިއްޒުއްދީން ސްކޫލުގައި ކިޔައިވައި ދޭން ފަށްޓަވާނެ ކަމަށެވެ.
އަރަބިއްޔާގެ ޕީޓީއޭއާ އެކު މިނިސްޓަރު ބައްދަލުވުން ކުރިއަށް ގެންދެވި އިރު އެސްކޫލުގެ ބެލެނިވެރިން ވަނީ ސްކޫލު ބޭރުގައި އިހުތިޖާޖު ވެސް ކޮށްފައެވެ. އަދި އިހުތިޖާޖުގައި ބެލެނިވެރިން ވަނީ ސްކޫލުގެ މައްސަލައިގައި ހައްލެއް ނުލިބެނީސް މަސައްކަތް ހުއްޓާނުލާނެ ކަމަށް ބުނެފައެވެ.
އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީ، މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުން ދާ ސްކޫލްތަކުގެ ތެރެއިން ސްކޫލެއް ހާއްސަ ކުރުމަށާއި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.
މީގެ އިތުރުން، އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުން ދާ ކަމަށާއި، ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން، އެ އެސެސްމަންޓުގައިވާ ލަފަޔާ އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.
ނަމަވެސް، އެޑިއުކޭޝަނުން މި ނިންމުން ނިންމާފައި ވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލުވާން ބެލެނިވެރިން ދެކޮޅު ހަދަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެކަން ފާހަގަކޮށް އަރަބިއްޔާގެ ޕީޓީއޭއިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ، އެ ސްކޫލްގެ ބެލެނިވެރިންނާއި މެނޭޖްމެންޓުގެ އިއްތިފާގުން އެއްބަސްވެ، އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ކޮށްފި ނަމަ، ދަރިވަރުންގެ އެންމެހާ ކަންކަމަށް ބުރޫ އަރާނެ ކަމަށެވެ.
މިހާރު އަރަބިއްޔާ ހިންގާ އިމާރާތަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުން ކުރެވޭނެ ގޮތަށް މަރާމާތު ކުރާށެވެ. އަދި އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީން ފަށާފައެވެ.