އަރަބިއްޔާ ސްކޫލްގައި ކިޔަވާ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން އެޑިއުކޭޝަން މިނިސްޓްރީން ނިންމި މައްސަލާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ބައްދަލުކުރަން އެ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ވިސްނަމުން އެބަދެއެވެ.

މީގެ ކުރިންވެސް އަރަބިއްޔާގެ އިމާރާތް ބާވެ ރެނދުލާފައި ހުރުމުން އެ ސްކޫލުގެ ދަރިވަރުންގެ ކިޔެވުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރާތީ، ބެލެނިވެރިން ކަންބޮޑުވުން ފާޅުކޮށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ސިޓީއެއްވެސް ފޮނުވާފައި ވެއެވެެ. އޭގެ ފަހުންވެސް ސިޓީއެއް ފޮނުވާފައި ވާއިރު، އެ ސިޓީއަށް އަދިވެސް ޖަވާބެއް ނުލިބޭ ކަމަށް ބެލެނިވެރިން ވަނީ ބުނެފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި މިއަދުގެ ވަގުތެއްގައި ބެލެނިވެރިން ރައީސާ އޮފީސް ދޮށަށް ދާނެއެވެ.

އަރަބިއްޔާގެ މައްސަލާގައި ރޭ އެ ސްކޫލުގެ ދަރިވަރުންގެ ބެލެނިވެރިން ވަނީ ނައިބު ރައީސް ފައިސަލް ނަސީމާ ބައްދަލުކޮށްފައެވެ. ނައިބު ރައީސާއެކު ބޭއްވި ބައްދަލުވުން ރޭ ދަންވަރު 12 އާ ހަމައަށް ދިގުލައިގެން ގޮސްފައި ވެއެވެ.

އެ މައްސަލާގައި ބެލެނިވެރިން ވަނީ މިދިޔަ ހުކުރު ދުވަހުގެ ހަވީރު އަރަބިއްޔާ ސްކޫލް ކުރިމަތީގައި އިހުތިޖާޖެއް ވެސް ކޮށްފައެވެ. އަދި އެ އިހުތިޖާޖުގައި ބެލެނިވެރިން ވަނީ އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނިންމި ނިންމުމާ ދެކޮޅުކަން ހާމަކޮށްފައެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ބުނީ، އަރަބިއްޔާގެ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަން ޖެހޭތީ، މިހާރު ހުޅުމާލޭގައި އިމާރާތް ކުރަމުން ދާ ސްކޫލްތަކުގެ ތެރެއިން ސްކޫލެއް ހާއްސަ ކުރުމަށާއި އެ ސްކޫލްގައި ކިޔަވަމުންދާ ދަރިވަރުންގެ ކިޔެވުން ވަގުތީ ގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ.

މީގެ އިތުރުން، އަރަބިއްޔާ ސްކޫލްގެ އިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުން ދާ ކަމަށާއި، ސްޓްރަކްޗަރަލް އެސެސްމަންޓް ނިމުމުން، އެ އެސެސްމަންޓުގައިވާ ލަފަޔާ އެއްގޮތަށް އެ އިމާރާތަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރާނެ ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ.

ނަމަވެސް، އެޑިއުކޭޝަނުން މި ނިންމުން ނިންމާފައި ވަނީ އިއްޒުއްދީން ސްކޫލަށް ދަރިވަރުން ބަދަލުވާން ބެލެނިވެރިން ދެކޮޅު ހަދަމުން ދިޔަ ދަނޑިވަޅެއްގައެވެ. އެކަން ފާހަގަކޮށް އަރަބިއްޔާގެ ޕީޓީއޭއިން ހުކުރު ދުވަހު ނެރުނު ބަޔާނުގައި ބުނީ، އެ ސްކޫލްގެ ބެލެނިވެރިންނާއި މެނޭޖްމެންޓުގެ އިއްތިފާގުން އެއްބަސްވެ، އިއްޒުއްދީން ސްކޫލަށް އަރަބިއްޔާގެ ދަރިވަރުން ގެންގޮސްގެން ކިޔަވައިދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށާއި، އެކަން އެގޮތަށް ކޮށްފި ނަމަ، ދަރިވަރުންގެ އެންމެހާ ކަންކަމަށް ބުރޫ އަރާނެ ކަމަށެވެ.

މިހާރު އަރަބިއްޔާ ހިންގާ އިމާރާތަށް ދަރިވަރުން ބަދަލުވީ ޖެނުއަރީ، 2013 ގަ އެވެ. އެކަމަކު އިމާރާތަށް މާގިނަ ދުވަސްތަކެއް ނުވެ އެތަނުގެ ތަނބުތަަކުގައި ރެނދުލާފައި ހުރިއިރު އެޑިއުކޭޝަން މިނިސްޓްރީގެ ވިސްނުން ހުރީ ދިގު މުއްދަތަކަށް އެ އިމާރާތް ބޭނުން ކުރެވޭނެ ގޮތަށް މަރާމާތު ކުރާށެވެ. އަދި އެކަމަށް ބޭނުންވާ ސްޓްރަކްޗަރަލް އެސެސްމަންޓުގެ އަމަލީ މަސައްކަތް މިހާރު ވަނީ އެ މިނިސްޓްރީން ފަށާފައެވެ.