ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ދަށުން ދިރާގު ހައިސްޕީޑް ފައިބާ އިންޓަނެޓްގެ ހިދުމަތާއެކު ދިރާގު ޓީވީގެ ހިދުމަތް ގއ.ގެމަނަފުށީގައި ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

ދިރާގުން ބުނީ މި ދެ ހިދުމަތް ރަސްމީކޮށް އިފްތިތާހު ކޮށްވަނީ ގެމަނަފުށީގެ ރައްޔިތުންނަށް ހާއްސަ އޮފާތަކަކާއި އެއްކޮށް ކަމަށެވެ. އެގޮތުން، ދިރާގު ފައިބާ ބްރޯޑްބޭންޑް ޕެކޭޖްއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށް ހިލޭ ފައިބާ ގުޅައިދިނުމުގެ އިތުރުން ފައިބާ އަށް ބޭނުންވާ ހާއްސަ ރައުޓާ ނުވަތަ އޯއެންޓީ ވެސް ހިލޭ ލިބިގެންދާނެ ކަމަށް ދިރާގުން ބުނެއެވެ.

މިއީ އެންމެ ހަލުވި ސްޕީޑް އާއި އެންމެ ބޮޑެތި ޑޭޓާ އެލަވަންސްތައް ހިމެނޭ ތަފާތު ޕެކޭޖްތައް ހިޔާރުކުރުމަށް ލިބިގެންދާ ރަނުގެ ފުރުސަތެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ދިރާގު ޓީވީއަށް އެޕްލައި ކުރާ ކަސްޓަމަރުންނަށްވެސް ހިދުމަތް މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން، ޖޯއިބޮކްސްވެސް (ޑީކޯޑާ) މުޅިން ހިލޭ ލިބިގެންދާނެ ކަމަށާއި މިގޮތުން ގެމަނަފުށި ރައްޔިތުންނަށް މިހާރު އެންމެ މަގުބޫލު ޓީވީ އަދި މުނިފޫހިފިލުވުމުގެ ކޮންޓެންޓް އެއް ޕްލެޓްފޯމެއްގެ ދަށުން ބަލާލެވޭނެ ކަމަށެވެ.

ދިރާގު ފައިބާ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ބޮޑު ފައިބާ ނެޓްވޯކް ކަމަށް ދިރާގުން ބުނެއެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 ޕަސަންޓަށް މި ހިދުމަތް ދިރާގުން ފޯރުކޮށްދީފައިވާއިރު މީގެ ތެރޭގައި 69 ރަށެއް ހިމެނޭ ކަމަށާއި އަދި 100 އަށް ވުރެ ގިނަ ޗެނަލް ހިމެނޭ ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ އަދި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެއް ކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ބުނީ ކޮންޓެންޓް، ކޮލިޓީ އަދި އަގުގައި އެއްވެސް ތަފާތު ކުރުމެއްނެތި ދިރާގުން ވަނީ ރާއްޖޭގެ 77 ޕަސަންޓު ގޭބިސީއަށް މިހާރު ދިރާގުޓީވީ ހިދުމަތް ފޯރުކޮށްދީފައިވާ ކަމަށެވެ.

ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއި ފަސޭހަގޮތްތައް ހޯދައިދިނުން ކަމަށާއި އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެ ކަމަށް އެކުންފުނިން ބުނެއެވެ.