ޑރ. އަފްރާޝީމްގެ ހަނދާނުގައި އުނގޫފާރުގައި އިމާރާތް ކުރި އިސްލާމީ މަރުކަޒު (މަސްޖިދު އައްދުކްތޫރު އަފްރާޝިމް އަލީ) ހުޅުވައިފިއެވެ.

ދިވެހި ދައުލަތުގެ ބަޖެޓުން 27 މިލިއަން ރުފިޔާ ހަރުދުކޮށްގެން، އިމާރާތްކޮށްފައިވާ އެ އިސްލާމީ މަރުކަޒު މިއަދު ހުޅުވައިދެއްވީ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީއެވެ.

މި އިސްލާމީ މަރުކަޒު އިމާރާތްކުރުމުގެ މަސައްކަތް ނިމުނުތާ މިހާރު 2 އަހަރާއި ގާތްވަނީވެފައެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ބުނީ އިސްލާމީ ތައުލީމް ދޭ މަރުކަޒެއް ބިނާކުރުމުގެ މަގްސަދުގައި އިމާރާތްކޮށްފައިވާ މި މިސްކިތުގައި 4 ކުލާސް ރޫމާއި ލައިބްރަރީއަކާއި ޕޭންޓްރީއަކާއި އެޑްމިން އޮފީހެއްގެ އިތުރުން ޖަލްސާކުރާ ހޯލެއް ހިމެނޭ ކަމަށެވެ. އަދި ދެ ފަންގިފިލާއަށް ހަދާފައިވާ މި މިސްކިތުގައި ނަމާދު ކުރުމަށް ކަނޑައަޅާފައިވާ 5380 އަކަފޫޓު ސަރަހައްދުގައި އެއްފަހަރާ 900 މީހުންނަށް ނަމާދުކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީއިން ބުނެއެވެ. ހަމައެހެންމެ މި މިސްކިތުގައި އަންހެނުންނަށް ވަކިން ވުޟޫކުރުމާއި ނަމާދު ކުރެވޭނެ އިންތިޒާމްވަނީ ހަމަޖައްސާފައެވެ.

މިސްކިތް ހެދުމުގެ އެއްބަސްވުމުގައި އެސްޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެކު މިނިސްޓްރީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުރީގެ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ.އަހުމަދު ޒިޔާދެވެ. އެ ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ ކުންފުނީގެ ޑިރެކްޓަރު މުހައްމަދު ޝާހިދެވެ. މިސްކިތް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ފަށާފައި ވަނީ 01 މެއި 2017 އަދި ނިމިފައިވަނީ ޖަނަވަރީ 10، 2020 ދުވަހުއެވެ.