ފުލުހުންގެ އިންޒާރަށް ބެލުމެއް ނެތި އިދިކޮޅު ކޯލިޝަނުން އިސްނަގައިގެން ކުރިއަށް ގެންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސައިކަލު ބުރަށް ގިނަ ބަޔަކު ނުކުމެއްޖެއެވެ.

ޕީޕީއެމް އޮފީސް ދޮރުމަތިން ފެށި މި ހަރަކާތުގައި ގިނަ އަދަދެއްގެ ބަޔަކު ބައިވެރި ވެފައި ވާއިރު ފުލުހުން ދަނީ އެ ހަރަކާތަށް ހުރަށް އެޅުމަށް މަސައްކަތް ކުރަމުންނެވެ.

ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް އިދިކޮޅުން ފަށާފައިވާ މި ހަރަކާތް ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލުން މިނިވަން ވުމާ އެކު ވަނީ އިތުރަށް ވަރުފަދަ ކޮށްފައެވެ. އެގޮތުން ރަށްރަށުގައި ވެސް އިންޑިއާ އައުޓް ހަރަކާތް ހިންގަމުން އަންނައިރު އިއްޔެ ރައީސް ޔާމީން ވަނީ ކ. ގުރައިދޫގައި "އިންޑިއާ އައުޓް" ހަރަކާތުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި މިއަދު އެ ހަރަކާތް ތުލުސްދޫގައި ކުރިއަށް ގެންދަން ނިންމާފައި ވާއިރު ރައީސް ޔާމީން ބައިވެރިވެ ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގައި ކުރިއަށް ގެންދާ ވެހިކަލް ބުރާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނީ ޕީޕީއެމް އިން އިންތިޒާމު ކޮށްގެން މިއަދު މާލޭގެ މަގުތަކުގައި ބޭއްވުމަށް ރާވާފައިވާ ވެހިކަލް ބުރުގައި ހަމަނުޖެހުން ހިންގަން ރާވާމުންދާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށާއި އެފަދަ ހަމަނުޖެހުން ތަކަކީ ގިނަ ބަޔަކަށް އޭގެ ނުރައްކާ އޮތް ކަމެއް ކަމުގައި ފުލުހުން ދެކޭ ކަމަށެވެ.

އެހެން ކަމުން އާންމު މަސްލަހަތު ހިމާޔަތްކޮށް އެއްވުންތަކުގެ ބައިވެރިންނާއި އެހެނިހެން ފަރާތްތައް ހިމެނޭ ގޮތުން ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ފުލުހުންގެ ހިދުމަތުގެ ގާނޫނީ ޒިންމާ ކަމަށާއި އާންމު މަސްލަހަތު ގެއްލި ސަލާމަތާއި ރައްކާތެރިކަމަށް ބުރޫއަރާނެ ފަދަ ގޮތަކަށް ވެހިކަލް ބުރު ކުރިއަށް ގެންދިއުމުގެ ފުރުސަތު ފުލުހުން ނުދޭނެ ކަމަށްވެސް ބަޔާނުގައި ވަނީ ބުނެފައެވެ.