"އިންޑިއާ އައުޓް" ޝިއާރުގައި އިދިކޮޅު ޕޮރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރިއަށް ގެންދާ ކެމްޕޭން ހަރަކާތްތަކުގެ ތެރެއިން ކ. ގުރައިދޫގައި މިއަދު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތުގައި ބައިވެރިވެ ވަޑައިގަތުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އެ ރަށަށް ވަޑައިގެންފިއެވެ.

"ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ކޯލިޝަނުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ ރައީސް ޔާމީން ގުރައިދޫއަށް ވަޑައިގެންފައި ވަނީ މިއަދު ހަވީރު އޮންނަ "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭންގައި ބައިވެރިވެވަޑައިގަތުމަށް ކަމަށެވެ.

މިއީ ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލްކޮށް އެމަނިކުފާނު މިނިވަންވި ފަހުން އިދިކޮޅުން ހަރަކާތަކަށް އަތޮޅުތެރެއަށް ކުރެއްވި ފުރަތަމަ ދަތުރެވެ.

ހީނާ ވިދާޅުވީ މިރޭ ގުރައިދޫގައި ރައީސް ޔާމީން މަޑުކުރައްވާނެ ކަމަށާއި ރަސްމީކޮށް އެއްވެސް ހަރަކާތެއް މިރޭ ކުރިއަށް ގެންދަން ނިންމައިފާ ނުވާ ކަމަށެވެ. "އިންޑިއާ މިލިޓަރީ އައުޓް" ކެމްޕޭންގެ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޔާމީން މާދަމާ ހަވީރު ކ. ތުލުސްދޫއަށް ވަޑައިގަތުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ހީނާ ވިދާޅުވިއެވެ.

ރައީސް ޔާމީނަށް މަރުހަބާ ދެންނެވުމަށް ކ. ގުރައިދޫ ތައްޔާރުވެފައި

މި ހަރަކާތަކީ ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިޔާ ސިފައިން ރާއްޖެއިން ބޭލުމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަން ލިބޭ ގޮތަށް މިހާރުގެ ސަރުކާރުން ހަދަމުންދާ އެއްބަސްވުންތައް ހާމަ ކުރުމާއެކު، އެ އެއްބަސްވުންތައް ބާތިލުކުރުމަށް ގޮވައިލާ ހަރަކާތެކެވެ.

ހީނާ އިތުރަށް ވިދާޅުވީ މި ހަރަކާތް ފުރަތަމަ ފަށަން ނިންމީ ފ. ނިލަންދޫގައި ކަމަށާއި އެހެންނަމަވެސް މޫސުން ތަންނުދިނުމުގެ ސަބަބުން އެ ދަތުރު ލަސްކޮށްފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ނިލަންދޫއަށާއި އެހެން ރަށްތަކަށްވެސް ދަތުރުކުރުމަށް ވަނީ ހަމަޖެހިފާ ކަމަށް ހީނާ ވިދާޅުވިއެވެ.

މި ކެމްޕޭން އެ ކޯލިޝަނުން މާލޭގައި ދޭތެރެ ދޭތެރެއިން އަންނަނީ ކުރިއަށް ގެންދަމުންނެވެ.