ޝަރީއަތް މެދުވެރިކޮށް ނަހަމަ ގޮތުގައި ކުންފުންޏަކަށް ފައިސާ ނަގައިދިން ގއ. ވިލިގިނލީ މެޖިސްޓްރޭޓު ކޯޓުގެ މެޖިސްޓްރޭޓު އަހުމަދު ޝުކޫރުގެ މައްސަލަ މިއަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ފޮނުވާފައިވާ ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުނެފިއެވެ.

ހައިކޯޓުން މިދިޔަ އަންގާރަ ދުވަހު ކުރި ހުކުމެއްގައި ބުނެފައި ވަނީ ވިލިގިނލީ މެޖިސްޓްރޭޓް ކޯޓުން އެ ކޯޓުގެ އެކައުންޓަށް އޮޅިގެން ޖަމާވެފައިވާ ފައިސާތަކެއް އަނބުރާ ދޭން ތަކުރާރުކޮށް އެދުމުން ދަނިކޮށް އެ ފައިސާ ވިމަސް މޯލްޑިވަސް ނަމަކަށް ކިޔާ ކުންފުންޏަކަށް ޖަމާކޮށްފައި ވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.

ރޭ ޖޭއެސްސީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުން ވިމަސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ގާނޫނާ ހިލާފަށް ފައިސާތަކެއް ދޫކުރިކަމަށް ބުނާ މައްސަލައެއް 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އެ ކޮމިޝަނަށް ހުށަހެޅުމުން، މިމައްސަލަ ކޮމިޝަނުން ދިރާސާ ކޮށްފައިވާ ކަމަށެވެ.

ޖޭއެސްސީން ކުރި ދިރާސާއަށް ފާހަގަވެފައި ވަނީ އެކަމަކީ ވިލިނގިލީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ މެޖިސްޓްރޭޓް އަހުމަދު ޝުކޫރު ފަނޑިޔާރުކަމުގެ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރައްވައިގެން ކަނޑައެޅިގެން ފާޅުކަން ބޮޑު ގޮތުގައި ފަރުވާލެއް ނެތި ގާނޫނާ ހިލާފަށް ހިންގަވާފައިވާ ކަމެއް ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ޖޭއެސްސީން ބުނީ އަހުމަދު ޝުކޫރު ހިންގަވާފައިވާ ގާނޫނާ ހިލާފު އެ ކަންތައް ކޮމިޝަނަށް ފާހަގަވެފައި ވަނީ އެ ކޮމިޝަނުން ދިރާސާކުރި އެހެން ސުލޫކީ މައްސަލަތަކެއް އޭނާއާމެދު ސާބިތުވެ މަގާމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމުމާ ގުޅިގެން އަމިއްލައަށް މަގާމުން އިސްތިއުފާދެއްވާފަައި ވަނިކޮށް ކަމަށެވެ.

ޖޭއެސްސީން އިތުރަށް ބުނީ އެ މައްސަލާގައި ފާހަގަވި ކަންކަން ބަޔާންކޮށް އެކަންކަން ބަލައި ފިޔަވަޅު އަޅައިދިނުމަށް އެދި އޭސީސީއަށް ޖެނުއަރީ 2021 ގައި ހުށައެޅި ކަމަށެވެ.

މީގެކުރިން ގއ. ވިލިނގިލީ ގެއެއްގައި އޮތް ބައްދަލުވުމުއްގައި ކުރީގެ ފަނޑިޔަރުންތަކަކާއި ޝުކޫރުވެސް ބައިވެރިވެ ވަކި ރިޔާސީ ކެންޑިޑޭޓަކަށް ތާއީދުކުރާކަން ހާމަކޮށް، ވާހަކަދައްކައި ވޯޓު ހޯދުމަށް އޭނާ މަސައްކަތްކޮށްފައިވާ ކަމަށާއި އޭގެ އިތުރުން ރިޔާސީ އިންތިހާބުގެ ދުވަސްވަރު ވިލިނގިލީ ކެފޭއެއް ތެރޭ ސިޔާސީ ވާހަކަ ދައްކައި، ރިޔާސީ ކެންޑިޑޭޓަކަށް ވޯޓު ހޯދުމަށް އެދިފައިވާކަންވެސް ސާބިތުވެފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.

އޭގެ އިތުރުން ދެން އޭނާގެ މައްޗަށް ސާބިތުވެފައި ވަނީ، އޯގަސްޓު 2018 ގައި ގއ. ކޮލަމާފުށިން ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި ބައެއްގެ ބަންދާމެދު ގޮތެއް ނިންމުމަށް އަޑުއެހުން ބޭއްވުމުގެ ކުރިން، އެމީހުންގެ ބަންދާމެދު ނިންމަވާނެ ގޮތްކޯޓުން ބޭރުގައި ހުރެ ފުލުހުންނާ ޝުކޫރު ހިއްސާކުރެއްވި ކަމުގެ މައްސަލައެވެ. ބަންދާމެދު ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމުގައިވެސް އޭނާ އަމަލުކުރައްވާފައި ވަނީ އަދުލުވެރިކަމުގެ އުސޫލުތަކާ ހިލާފަށް ކަމުށް ޖޭއެސްސީން ވަނީ ބުނެފައެވެ.

މީގެ އިތުރުން އޭނާގެ މައްޗަށް ކޯޓު އަމުރު ދިނުމަށް ފަހު ކުށުގެ ވެއްޓަށް ފުލުހުން ދާއިރު އެކަމުގެ މައުލޫމާތު ކުރީބައިގައި ލީކްވެފައި އޮންނަ މައްސަލަ އާއި، މަސްތުވާތަކެއްޗާ ގުޅުން އޮންނަ ފަރާތްތަކާ ގާތް ގުޅުމެއް ބާއްވާ ކަމުގެ މައްސަލަ އާއި، ރިޝްވަތު ނަގާފައިވާ ކަމަށް ތުހުމަތުކޮށް ހުށަހަޅާފައިވާ މައްސަލަތަކެއް ވަނީ ތުހުމަތުކޮށްފައެވެ.