އިނގިރޭސިވިލާތުގައި އާދަޔާ ހިލާފަށް ހަލުވިކަމާއެކު ކޮވިޑް ބަލި ފެތުރެމުންދާ ކަމަށް އެގައުމުގެ ކަމާ ބެހޭ ފަރާތްތަކުން ބުނެފިއެވެ.

އިނގިރޭސި ސަރުކާރުން ބުނީ ކޮވިޑް ބަލި އެންމެ ފުރަތަމަ އެގައުމުން ފެނުނު ފަހުން އިއްޔެއަކީ އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ބައްޔަށް ޕޮޒިޓިވްވި ދުވަސް ކަމަށާ 78،610 މީހުން ބުދަ ދުވަހު ކޮވިޑަށް ޕޮޒިޓިވްވި ކަމަށެވެ. މީގެ ކުރިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ މީހުން ޕޮޒިޓިވް ވީ ޖެނުއަރީ މަހު ކަމަށާ އޭރު ވެސް އެއް ދުވަހެއްގެ ތެރޭ ޕޮޒިޓިވް ވީ މިއަށް ވުރެ 10،000 މީހުން މަދު ކަމަށް ވެސް އިނގިރޭސި ކަމާ ބެހޭ ފަރާތްތަކުން ބުނެއެވެ.

އިނގިރޭސިވިލާތުގައި ރިޕޯޓް ކުރާ ކޭސްތައް އިތުރުވެފައި މިވަނީ ކޮވިޑްގެ އާ ވޭރިއަންޓް އޮމިކްރޯން އެގައުމުގައި ފެތުރެމުން ދާ ކަމަށް އިނގިރޭސި ސަރުކާރުން ބުނެފައިވާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން އިނގިރޭސި ބޮޑު ވަޒީރު ބޮރިސް ޖޯންސަން ވިދާޅުވީ، އޮމިކްރޯންގެ ރާޅަކަށް ގައުމު ތައްޔާރުވާން ޖެހޭ ކަމަށާ މިހާރު ވެސް އޮމިކްރޯން އެގައުމުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށެވެ. މިކަމުގެ ސަބަބުން ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި ފަރުވާ ދޭން ޖެހޭ މީހުންގެ އަދަދު އިތުރުވެފައިވާ ކަމަށާ ވޭތުވެދިޔަ ދެ ހަފްތާގެ ތެރޭގައި މިއަދަދު 10 އިންސައްތަ އިތުރުވެފައިވާ ކަމަށެވެ.

އިނގިރޭސި ސަރުކާރުން މިހެން ބުނެފައިވާ އިރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯއިން ވެސް ވަނީ އާ ވޭރިއަންޓް އޮމިކްރޯން ދުނިޔޭގެ އެކި ހިސާބުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކަމަށް ބުނެފައެވެ. މިގޮތުން، މިހާތަނަށް ދުނިޔޭގެ 77 ގައުމަކުން އޮމިކްރޯން ފެނިފައިވާ ކަމަށާ އެހެން ނަމަވެސް މިއަދަދު ހަގީގަތުގައި އިތުރުވުމަކީ ވެސް އެކަށިގެންވާ ކަމެއް ކަމަށް ޑަބްލިއުއެޗްއޯއިން ވަނީ ބުނެފައެވެ.