ރައްޔިތުންގެ މަޖިލީސް މިދައުރުގެ މަސައްކަތްތައް ނިންމާ ޗުއްޓީގައި ވަނިކޮށް ދައުރުން ބޭރުން މާދަމާ ބާއްވާ ޖަލްސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުން ވަކިކުރަން ސަރުކާރުން ހިންގާ ޖަރީމާއެއް ކަމަށް އިދިކޮޅުން ބުނެފިއެވެ.

އިދިކޮޅުން ބުނީ، ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމާފައި ވަނީ މަޖިލިސް ޗުއްޓީ ދުވަސްވަރާ ދިމާކޮށް ގިނަ މެންބަރުން މާލެއިން ބޭރުގައި ވަނިކޮށް އެ މެންބަރުންނަށް ބައިވެރި ވުމުގެ ފުރުސަތު ވެސް ނުލިބޭ ގޮތަށް އަދި މަޖިލީހުގައި އިދިކޮޅު ތަމްސީލުކުރާ މައިނޯރިޓީއާ މަޝްވަރާ ވެސް ކުރުމެއް ނެތި ކަމަށެވެ.

މައިނޯރިޓީގެ ބަހެއް ނުހޯދާ ޖަލްސާ ބާއްވައިގެން މިފަދަ ބޮޑެތި ނިންމުންތައް ނިންމުމަކީ ޑިމޮކްރަސީގެ އަސާސްތަކާ މުޅިން ހިލާފު ކަމެއް ކަމަށާއި މިއީ ސަރުކާރުގެ ނުފޫޒު އިންތިހާއަށް މިނިވަން މުއައްސަސާތަކަށް އޮތްކަން ވަރަށް ބޮޑަށް ހާމަވެގެންދާ ކަމެއް ކަމަށް އިދިކޮޅުން ވަނީ ބުނެއެވެ.

ހަމައެއާއެކު އޭސީސީގެ ހުރިހާ މެންބަރުން ވަކިކުރުމަކީ އެ މުއްއަސަސާގެ ބާރު ކަނޑުވާލާ، ޑިމޮކްރެޓިކް ހަމަތަކަށް މިސަރުކާރުން އެއްވެސް ކަހަލަ އިހްތިރާމެއް ނުކުރާކަމުގެ ވަރަށް ބޮޑު ހެއްކެއް ކަމަށް ވެސް އިދިކޮޅުން ބުނެއެވެ.

އިދިކޮޅުން ބުނީ، މިއީ އެންޓި ކޮރަޕްޝަން ކޮމިޝަން ފަދަ ތަހްގީގީ އިދާރާއަކަށް ސަރުކާރުން މިހާރަށް ވުރެ ވެސް ބޮޑަށް ނުފޫޒު ފޯރުވުމަށް ހިންގާ ވަރަށް ދަށު ދަރަޖައިގެ އަމަލެއް ކަމަށެވެ.

އެހެންކަމުން އިދިކޮޅު ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޖަލްސާ ބޮއިކޮޓް ކުރުމަށް ނިންމާފައިވާ ކަމަށް އިދިކޮޅުން ބުނެއެވެ.