މަޝްރޫއުތައް ހިންގުމުގައި މިދިޔަ ސަރުކާރު މާ ލަސްކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެއެވެ.

"ޕީއެސްއެމް"ގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ރޭ ވާހަކަ ދައްކަވަމުން މަބްރޫކް ވިދާޅުވީ، މި ސަރުކާރުން ހިންގާ މަޝްރޫއުތައް ލަސްކަމަށް އިދިކޮޅު ކޯލިޝަނުން ބުނާއިރު، ކުރީ ސަރުކާރުގެ ހިޔާ މަޝްރޫއުވެސް ފަށާފައި ވަނީ ވެރިކަމުގެ ހަތަރުވަނަ އަހަރުގައި ކަމަށެވެ.

"އަޅުގަނޑުމެން ވެއްޖެއްޔާ މިހާތަނަށް ގެދޮރުވެރިޔާ ލޯނު ޕްރޮގްރާމެއް ފައްޓައިފިން، މިއަހަރު 1.5 ބިލިއަންގެ ހައުސިން ޕްރޮޖެކްޓުގެ ބަޖެޓް ރަށްރަށަށް އެއޮތީ ބަޖެޓް ފާސްކޮށްފައި، ނައިފަރުގެ 100 ޔުނިޓުގެ ޕްރޮޖެކްޓް ނިމިއްޖެ، އިތުރު 3 ރަށެއްގެ 100 ޔުނިޓުގެ މަސައްކަތް ކުރިޔަށް އެބަދޭ. އެބޭފުޅުން އެވިދާޅުވާ ހިޔާ ފްލެޓް އަޅަން ފެއްޓެވީ ވެސް ހަތަރުވަނަ އަހަރު." މަބްރޫކް ވިދާޅުވިއެވެ.

މަބްރޫކް ވިދާޅުވީ، ޔާމީންގެ ވެރިކަމުގެ އެންމެ ފަހު އަހަރުގެ ކެމްޕޭން ޖަލްސާ ހިޔާ ފްލެޓްތައް ކައިރީގައި ބޭއްވި އިރު އެތަނަކީ ކޮންސްޓްރަކްޝަން ސައިޓެއް ކަމަށާއި، އެ ސަރަހައްދުގެ މަސައްކަތްތައް ނުވެސް ނިމޭ ކަމަށެވެ. އަދި ނިމިދިޔަ ސަރުކާރުގެ މަޝްރޫއުތައް ފެށީ މި ސަރުކާރުގެ ދުވެއްޔަށް ވުރެ މާ ލަހުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖުގެ މަޝްރޫއަށް އަލިއަޅުއްވާލައްވަމުން މަބްރޫކް ވިދާޅުވީ، އަންނަ އަހަރުގެ ފުރަތަމަ ކުއާޓާގައި ސްޓްރަކްޗާތައް ފެންނަ ހިސާބަށް އެ މަޝްރޫއުގެ މަސައްކަތްތައް ދާނެ ކަމަށެވެ. އަދި އެހެން މަޝްރޫއުތަކުގެ އަމަލީ މަސައްކަތްތައް އަންނަ އަހަރު ފެށޭނެ ކަމަށްވެސް ވަނީ ލަފާ ކުރައްވާފައެވެ.

އެހެން ނަމަވެސް، މަޝްރޫއުތައް ހިންގުމުގައި މި ސަރުކާރުގެ ދުވެލި ލަސްކަމަށް ބުނެ، ސަރުކާރާއި އެމްޑީޕީއަށް ނިސްބަތްވާ ބައެއް ބޭފުޅުން ފާޑު ވިދާޅުވިއިރު، އާންމުންވެސް ވަނީ ސަރުކާރަށް ފާޑު ކިޔައިފައެވެ.