މަރު ކޮމިޝަނުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން މެލޭޝިއާގައި ތިބި ބައެއް ދިވެހިންގެ ބަޔާން ނެގުމަށްޓަކައި، އެ ކޮމިޝަނާއި ފުލުހުންގެ ޓީމެއް އެގައުމަށް ދާން ނިންމައިފިއެވެ.

ސަރުކާރުގެ އިސް ބޭފުޅަކު ވަނީ މިކަން "ދަ ޕްރެސް" އަށް ކަށަވަރު ކޮށްދެއްވާފައެވެ. ނަމަވެސް އެޓީމު ދާ ވަކި ދުވަހެއް އޭނާ ވިދާޅެއް ނުވެއެވެ. އަދި މަރު ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިއާއަށް ދަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއްވެސް އޭނާ ހާމައެއް ނުކުރެއްވިއެވެ.

މިކަމާ ގުޅިގެން މަރު ކޮމިޝަނާ ސުވާލު ކުރުމުން ދައްކާނެ ވާހަކައެއް ނެތް ކަމަށް ބުނެ ތަފްސީލެއް ނުދިނެވެ.

ޕީޕީއެމްގެ ކުރީގެ ކައުންސިލް މެމްބަރު ޒާހިދު ރަމީޒުވެސް ވަނީ މަރު ކޮމިޝަނާއި ފުލުހުންގެ ޓީމެއް މެލޭޝިއާއަށް ދާން އުޅޭ ކަމަށް މިއަދު ބުނެފައެވެ.

ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލާގައި މީގެ ތިން އަހަރު ކުރިން ޒާހިދު މަރު ކޮމިޝަނަށް ހާޒިރު ކުރިއެވެ. އޭނާ މަރު ކޮމިޝަނަށް ހާޒިރު ކުރީ މީގެ ދިހަ އަހަރު ކުރިން އޭނާ ޔާމީން ރަޝީދާ ގުޅޭ ގޮތުން ކުރި ޓްވީޓްތަކެއްގެ ސަބަބުންނެވެ.

މަރުތަކަށް އިންސާފު ހޯދައިދިނުމަށްޓަކައި ކަމަށް ބުނެ، ސަރުކާރުން މަރު ކޮމިޝަނެއް އެކުލަވާލާފައި ވަނީ 2012 އިން ފެށިގެން 17 ނޮވެމްބަރު 2018 ގެ ނިޔަލަށް މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށެވެ. އެގޮތުން ޔާމީން ރަޝީދުގެ އިތުރުން، ގެއްލުވާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައާއި، ކުރީގެ މަޖިލިސް މެމްބަރު ޑރ. އަފްރާޝީމް އަލީގެ މައްސަލަތަކަކީ އެކޮމިޝަނުން ބަލަމުންދާ މައްސަލަތަކެވެ.

ނަމަވެސް، އެ މަރުތަކުގެ މައްސަލަތައް ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން، ގިނަ ބަޔަކު ވަނީ މަރު ކޮމިޝަނުން ޒިންމާ އަދާނުކުރާ ކަމަށް ބުނެ އެކޮމިޝަނަށް ފާޑުކިއުންތައް އަމާޒުކޮށްފައެވެ.