ޕީޕީއެމްގެ ސަރުކާރެއްގައި މީގެ ކުރީ ސަރުކާރަކުން އިމާރާތް ކޮށްފައިވާ އެއްވެސް ތަނެއް ތަޅަން ނުވިސްނާނެ ކަމަށް ވިދާޅުވެ، އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ނައިބު ރައީސް ފައިސަލް ނަސީމަށް ރައްދު ދެއްވައިފިއެވެ.
ނައިބު ރައީސަށް ރައްދު ދެއްވައި ސަލީމް މިފަދައިން ވިދާޅުވީ، ފުވައްމުލަކުގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ ރަސްމިއްޔާތުގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މިސްރާބަކީ ގައުމުގެ ހަމަޖެހުން ގެއްލޭ ގޮތަށް "ފުރާޅުން ޓިނުނެގުން ފަދަ ހުތުރު ކަންކަން" ކުރުން ނޫން ކަމަށް ނައިބު ރައީސް ވިދާޅުވުމާ ގުޅިގެންނެވެ.
"ތާއަބަދު ކޮންމެވެސް ތަނެއްގެ ފުރާޅުން ޓިނު ނެގުން، ފާރެއް ތަޅާލުން، ދޮރު ވައްޓާލުން އެއީކީ އެންމެ ދަށުގައި ހުރި ގައުމުތަކުގައި ވެސް ބަލައިފި ކަމަށްވަންޏާ އޮންނަ އުސޫލެއް ނޫން." ނައިބު ރައީސް ވިދާޅުވިއެވެ.
ސަލީމް ވިދާޅުވި ގޮތުގައި "ޕީޕީއެމްގެ ސަރުކާރަކީ ކުރީ ސަރުކާރަކުން އަޅާފައި ހުންނަ ހުރިހާ އިމާރާތެއް ތަޅާލަން ވިސްނާނެ ބައެއް" ނޫނެވެ. އަދި އެއީ ވަރަށް "މުޑުދާރު" އަމަލެއްގެ ގޮތުގައި އޭނާ ވަނީ ސިފަކުރައްވާފައެވެ.
ސަލީމް މިހެން ވިދާޅުވި އިރު، މިދިޔަ ހުކުރު ދުވަހުގެރޭ "ކޮތަރުކޮށި" ނަމުގައި އިދިކޮޅުން ބޭއްވި ޖަލްސާގައި ސުޕްރީމް ކޯޓުގެ "ޓިނު ނަގަން" ޖެހިވަޑައިގެންނެވި ސަބަބު ހާމަ ކުރައްވަމުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވީ، ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކޮށްގެން ނޫން ގޮތަކަށް ބައެއް ގާނޫނުތައް ސަސްޕެންޑް ކުރެވެން އޭރު ނެތް ކަމަށެވެ. އެގޮތުން އޭރު ސުޕްރީމް ކޯޓުގައި އެންމެ އިސްކޮށް ހުންނެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި އަލީ ހަމީދުގެ ކޮރަޕްޝަންގެ މައްސަލައެއް ފެންމަތިވި ކަމަށެވެ.
"އެހެންވެ އަޅުގަނޑަށް ލާޒިމުވޭ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މި މައްސަލަތައް ބަލަން. މޯޓިވްއެއް ކަމަށް ގަބޫލު ކުރެވުނީ އެ މީހުންނަށް ލިބުނު އަގު ބޮޑު ހަދިޔާ. އޭރު މަނީ ލޯންޑްރިންގެ ގާނޫނުއޮތް ނަމަ މި ހުރިހާ އެންމެން ބަރާބަރަށް ހަތަރެސްކަނަނަށް މީގެ ތެރެއަށް ފެތޭނެ،" ޔާމީން ވިދާޅުވިއެވެ.