ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ އިތުރު މީހަކު މިއަދު މަރުވެއްޖެއެވެ.

އެޗްޕީއޭއިން ބުނީ، އެމީހާއަކީ ކޮވިޑް ބައްޔަށް ބ. އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 80 އަހަރުގެ ދިވެހި އަންހެނެއް ކަމަށެވެ. އެމީހާ މަރުވެފައި ވަނީ މިއަދު ހެނދުނު 06:35 ހާއިރު ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ.

މިއީ މިބަލީގައި މިމަހު މަރުވި އަށް ވަނަ މީހާއެވެ.

މި ބަލީގައި މި މަހު ފުރަތަމަ މީހާ މަރުވެފައިވަނީ މި މަހުގެ 1 ވަނަ ދުވަހެވެ. އެއީ ޏ އަތޮޅު ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި އަންހެނެކެވެ. މިބަލީގައި މިމަހު 4 ވަނަ ދުވަހު 2 މީހުން މަރުވެފައިވާއިރު އެދުވަހު މަރުވި މީހުންގެ ތެރޭގައި ދ. ކުޑަހުވަދޫ އަތޮޅު ހޮސްޕިޓަކުގައި ފަރުވާ ދެމުންދިޔަ 93 އަހަރުގެ ދިވެހި ފިރިހެނަކާއި ހއ. ތުރާކުނުގައި ކޮވިޑަށް ފަރުވާ ހޯދަމުންދިޔަ އުމުރުން 92 އަހަރުގެ ދިވެހި ފިރިހެނެއް ހިމެނެއެވެ.

މިމަހު ފަސް ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 77 އަހަރުގެ ދިވެހި އަންހެނެއް މަރުވެފައިވާއިރު މިމަހު ހަ ވަނަ ދުވަހު އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 79 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ މަރުވެފައެވެ.

މީގެ އިތުރުން މިމަހު 10 ވަނަ ދުވަހު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 82 އަހަރުގެ ދިވެހި ފިރިހެނެއް މަރުވެފައިވާއިރު އިއްޔެ ވަނީ އައްޑޫ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީގައި ފަރުވާ ހޯދަމުން ދިޔަ އުމުރުން 83 އަހަރުގެ ދިވެހި ފިރިހެނެއް ވަނީ މަރުވެފައެވެ.

މިދިޔަ މަހު ކޮވިޑުގައި ހަތް މީހަކު ވަނީ މަރުވެފައެވެ. ކޮވިޑް-19 ޖެހިގެން ރާއްޖޭން މަރުވި މީހުންގެ އަދަދު މިހާރު ވަނީ 258 އަށް އަރައިފައެވެ.

މި ވޭތުވެ ދިޔަ 19 މަސް ދުވަހަށް ބަލާ އިރު އެންމެ ގިނަ މީހުން މަރުވެފައި ވަނީ މި އަހަރުގެ މެއި މަހުއެވެ.