މަސްވެރިން ބާނާ މަސް ކިރުވަން ހުރި ދަތިތަކަށް ހައްލު ހޯދައިދިނުމުގެ ގޮތުން އެމްއެންޕީގެ ވެރިކަމެއްގައި އެކި ސަރަހައްދުތަކުގައި ފްލޯޓިން ފިޝް ފެކްޓްރީތައް ގާއިމް ކޮށްދެއްވާނެ ކަމަށް، އެމްއެންޕީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

އެމްއެންޕީން ތ. އަތޮޅުގެ ރަށްރަށަށް ކުރާ ދަތުރުގެ ތެރެއިން، މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ތިމަރަފުށީގައި އެ އަތޮޅުގެ މަސްވެރިންނާ ބައްދަލުކުރައްވައި ނާޒިމް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަށް ދިމާވެފައިވާ ދަތިތައް ހައްލުކުރުމަށްޓަކައި އެޕާޓީގެ ވެރިކަމެއްގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.

އެގޮތުން، މަސްވެރިކަމުގެ ނަފާވެރިކަން އިތުރުކުރުމުގެ ގޮތުން މަސް ގަންނަ ރޭޓު 20ރ. އަށް ވުރެ ދަށްނުވާނެ ފަދަ ގޮތަކަށް ބައްޓަން ކުރައްވާނެ ކަމަށާއި، މަސްވެރިކަމަށް ހާއްސަ އެން ނުވަތަ ބެއިޓް ފިޝަރީޒް އިންޑަސްޓްރީއެއް ގާއިމް ކުރުމާއި، މަސް ކިރުވުމަށް ހުރި ދަތިތައް ހައްލުކުރުމަށްޓަކައި ފްލޯޓިން ފިޝް ފެކްޓްރީތައް ގާއިމް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، ތައުލީމީ ސެޓްފިކެޓުތަކާ އެއްފަދަ މަސްވެރިކަމުގެ ދާއިރާގެ ސްކިލް ބޭސްޑް ޕްރޮގްރާމެއް ގާއިމްކޮށް، މަސްވެރިން ރަޖިސްޓާކޮށް ގްރޭޑް ކުރެވޭނެ ނިޒާމެއް ގާއިމް ކުރުންވެސް އެޕާޓީގެ މެނިފެސްޓޯގައި ހިމެނޭ ކަމަށް ނާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ.

އަދި ސަރުކާރުން އެމްޓީސީސީ މެދުވެރިކޮށް މަސްވެރިންނަށް އިންޖީނު ދޫކުރާ ބީދައިން، އާރުއެސްޑަބްލިއު ސިސްޓަމް ފަސޭހައިން ލިބޭނެ އިންތިޒާމް ހަމަޖައްސައިދެއްވާނެ ކަމަށާއި، މަސްވެރިންނަށް އިންޝުއަރެންސް ސްކީމެއް ގާއިމް ކުރުމަށްވެސް އެމްއެންޕީގެ މެނިފެސްޓޯގައި ހިމަނާނެ ކަމަށް ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީން ތ. އަތޮޅަށް ކުރާ މި ދަތުރު ނިންމާލުމަށް ފަހު، މެނިފެސްޓޯ އެކުލަވާލުމަށްޓަކައި ކުރިއަށް އޮތް ދުވަސްތަކުގައި އެޕާޓީގެ ޓީމުތަކުން ގިނަ ރަށްރަށަށް ދާނެ ކަމަށް އެޕާޓީން ބުންޏެވެ.