"ކޮތަރުކޮށި" ނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ތައްޔާރުވަމުން ދާތީ އެކަން ހުއްޓުވަން ފުލުހުން މަސައްކަތް ފަށައިފިއެވެ،

އެޗްޑީސީން ރޭ ނެރުނު ނޫސްބަޔާނުގައި ބުނީ ހުޅުމާލޭގެ ސަރަހައްދުތަކުގައި ހަރަކާތްތައް ބޭއްވޭނީ އެ ކޯޕަރޭޝަނުގެ ހުއްދައާއެކު ވަކި އުސޫލުތަކެއްގެ ދަށުން ކަމަށާއި، ނަމަވެސް އިދިކޮޅު ކޯލިޝަނުން ބޭއްވުމަށް ރާވަމުން ދާ ހަރަކާތަކީ އެ އުސޫލުތަކާ ހިލާފަށް ބާއްވާ ހަރަކާތެއް ކަމަށެވެ. ނަމަވެސް މާކެ ސިޓީ ކައުންސިލުން ވަނީ އެ ޖަލްސާ ބާއްވަން ހުއްދަދީފައެވެ.

އެޗްޑީސީ އަށް ރައްދު ދެއްވާ ޕީޕީއެމްގެ ނައިބުރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް ވިދާޅުވީ އެމްޑީޕީ ވެރިކަމެއްގައު ލާމަރުކަޒީ ގާނޫނު ނުދަންނަ ބޯޑެއް އޮތީ އެޗްޑީސީގައި ކަމަށާއި ކޮތަރުކޮށި ޖަލްސާ ދާނީ ކުރިއަށް ކަމަށެވެ.

މިކަމާ ގުޅިގެން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން އެ ކޯލިޝަންގެ ތަރުޖަމާން ހީނާ ވަލީދު ވިދާޅުވީ އެޗްޑީސީއިން އެފަދައިން ބުނިކަމުގައި ވިޔަސް ސިޓީ ކައުންސިލުން އެކަމަށް ވަނީ ހުއްދަދީފައިވާ ކަމަށެވެ.

އެޗްޑީސީގެ ދަށުގައި އޮންނަ ރަޖިސްޓްރީ ބާތިލްކޮށް މާލޭގެ ސިޓީ ކައުންސިލްގެ އިހުތިސޯސަށް ހުޅުމާލެ ބަދަލުކުރިކަން ފާހަގަ ކުރައްވާ ހީނާ ވިދާޅުވީ އެޗްޑީސީއިން އެކަމަށް ހުރަސް އަޅަން ބޮޑެތި ވެހިކަލްތައް އެ ސަރަހައްދުގައި ޕާކުކުރި ކަމަށާއި އެހެންނަމަވެސް އެކަމަށް ހުރަސް ނޭޅޭނެ ކަމަށެވެ.

ޕީޕީއެމް ޖަލްސާ ބާއްވަން ތައްޔާރު ކުރާ ސަރަހައްދުގައި ވެހިކަލް އަތުރާފައި

"ވަރަށް ހަޑިކޮށް ސަރުކާރުން މި ކަންތައް ކުރަނީ" ހީނާ ވަލީދުމިހާރުވެސް ފުލުހުން ބުނަމުން ދަނީ ދިދަ އާއި ގޮނޑި ނުޖެހޭނެ ކަމަށާއި ޖަލްސާވެސް ނުބޭއްވޭނެ ކަމަށް ކަން ފާހަގަކުރައްވާ ހީނާ އިތުރަށް ވިދާޅުވީ މިހާރުވެސް އިދިކޮޅުން ތައްޔާރުތައް ކުރިއަށްދާ ކަމަށާއި އެކަން ނުހުއްޓުވޭނެ ކަމަށެވެ. އަދި އެއީ ޔާމީން ހުޅުމާލޭގެ ރައްޔިތުންނާއި ބައްދަލުކުރައްވާތީ ސަރުކާރުގެ "ޕްރެޝަރު" ބޮޑުވެގެން ކުރާކަމެއް ކަމަށް ވެސް ހީނާ ވިދާޅުވިއެވެ.

މި މައްސަލަ ހޫނުވެފައި ވަނިކޮށް މާލެ ސިޓީ ކައުންސިލުން ހުޅުމާލޭގެ ރަޖިސްޓްރީވެސް މިއަދު ވަނީ ބާތިލު ކޮށްފައެވެ. މާލޭ ސިޓީ ކައުންސިލުން މިއަދު ކުރިއަށް ގެންދިޔަ ކައުންސިލް ބައްދަލުވުމުގައި ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލުކުރަން ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރު އަހްމަދު ނަރީޝްއެވެ.

ނަރީޝްގެ ހުށަހެޅުން ކައުންސިލުން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވި ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ. ރަޖިސްޓްރީ ބާތިލް ކުރަން ވޯޓު ދެއްވި މެމްބަރުންގެ ތެރޭގައި އެމްޑީޕީގެ ދެ ކައުންސިލަރަކު ވެސް ހިމެނެ އެވެ. އެއީ ހެންވޭރު އުތުރު ދާއިރާގެ ކައުންސިލަރު އައިޝަތު ނިޒްލީ ރަޝީދާއި މައްޗަށް ގޯޅި މެދު ދާއިރާގެ ކައުންސިލަރު އަހްމަދު ޒަމީރުއެވެ.