"ކޮތަރުކޮށި" ނަމުގައި އިދިކޮލު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން އަންނަ ހުކުރު ދުވަހުގެރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޖަލްސާއެއް ބާއްވަން ރާވާފައި ވަނީ އެޗްޑީސީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ނޫން ކަމަށް، އެ ކޯޕަރޭޝަނުން ބުނެފިއެވެ.
އެޗްޑީސީން މިހެން ބުނީ، އިއްޔެ އިދިކޮލު ކޯލިޝަނުން ބޭއްވި ޕްރެސް ބްރީފިންގައި އަންނަ ހުކުރު ދުވަހުގެރޭ 8:30 ގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި "ކޮތަރުކޮށި" ނަމުގައި ޖަލްސާއެއް ބާއްވާނެ ކަމަށް، ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވެފައި ވަނިކޮށެވެ.
އިއްޔެ އެޗްޑީސީން ނެރުނު ނޫސްބަޔާނުގައި ބުނީ، ހުލުމާލޭގެ ސަރަހައްދުތަކުގައި ހަރަކާތްތައް ބޭއްވޭނީ އެ ކޯޕަރޭޝަނަށް ލިޔުމަކުން ހުއްދައަށް އެދި ހުށަހަޅައިގެން އެ ކޯޕަރޭޝަނުން ކަނޑައަޅާ ވަކި އުސޫލުތަކެއްގެ ދަށުން ހާއްސަ ކުރެވިފައި ވާ ވަކި ސަރަހައްދުތަކެއްގައި ކަމަށާއި، ނަމަވެސް އިދިކޮޅު ކޯލިޝަނުން ބޭއްވުމަށް ރާވަމުންދާ ހަރަކާތަކީ އެ ކޯޕަރޭޝަނުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ހުއްދަ ނަގައިގެން ބާއްވާ ހަރަކާތެއް ނޫން ކަމަށެވެ.
އެއާއެކު، އެޗްޑީސީން ވަނީ، އެހެން ފަރާތްތަކުންވެސް ހުޅުމާލޭގައި ހަރަކާތްތައް ބޭއްވުމަށް އަމަލުކުރަމުން ދާ އުސޫލުގެ ތެރެއިން އެ ކޯޕަރޭޝަނުން ހުއްދަ ހޯދައިގެން މިފަދަ ހަރަކާތްތައް ބޭއްވުމަށް އިލްތިމާސް ކޮށްފައެވެ.
އެޗްޑީސީން މިހެން ބުނި ނަމަވެސް، މާލޭގެ ޑެޕިއުޓީ މޭޔަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަހުމަދު ނަރީޝް ސޮއިކުރައްވާ މިދިޔަ އާދިއްތަ ދުވަހު އެޕާޓީގެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވި ސިޓީގައި، އެ ޖަލްސާ ބޭއްވުމަށް ވަނީ ހުއްދަ ދެއްވާފައެވެ. ކައުންސިލުން މިހުއްދަ ދިނީ، މާލެ ސަރަހައްދުގެ މާލެ، ހުޅުމާލެ އަދި ވިލިގިއްޔަކީ ސިޓީ ކައުންސިލްގެ އިހުތިސޯސްގައި އޮންނަ ތަނެއްކަމަށް ގާނޫނުގައި ބުނާ ބުނުމުން ބާރު ހޯދައިގެންނެވެ.
އިދިކޮޅު ކޯލިޝަނުން "ކޮތަރުކޮށި" ނަމުގައި ބާއްވާ މި ޖަލްސާއަކީ ޔާމީން މިނިވަންވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާ ތިންވަނަ ޖަލްސާއެވެ. މިދިޔަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައިވެސް ޔާމީން ބައިވެރިވެވަޑައިގެންނެވި އިރު، އެމަނިކުފާނު ވަނީ އެ ޖަލްސާގައި ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ވާހަކަފުޅު ދައްކަވާފައެވެ.