އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ގާނުނުތަކާއި ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އަޅާނެ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

މިނިސްޓްރީން މިއަދު ނެރުނު އިއުލާނެއްގައި ބުނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމު ގައުމަކަށް ވީ ހިނދު، އަދި ގާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނަށް ވީ ހިނދު، ދިވެހިންގެ ތެރޭގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަން އަމާންކަމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަށް ހިމާޔަތް ކުރުމަކީ، "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނު"ގެ ދަށުން ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ މައްޗަށް ލާޒިމުވެގެންވާ ކަމެއް ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ބުނީ ބައެއް ފަރާތްތަކުން އިސްލާމްދީނާ ހިލާފު އަދި ދިވެހިރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ ފުށުއަރާ ކަންކަން ކުރުމަށްފަހު، އެކަންކަމަކީ އޮޅުމަކުން ހިނގާފައިވާ ކަމެއްކަމަށް ބުނެ މައާފަށް އެދި، އެއީ އާދައިގެ ކަންތައްތަކެއް ކަމުގައި ދެކޭކަން ފާހަގަކުރެވޭ ކަމަށެވެ.

މިފަދަ ކަންކަމަކީ "ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގަވާއިދު"ގެ 6 ވަނަ މާއްދާގައިވާ ގޮތުން މަނާކަމެއް ކަން ފާހަގަ ކުރަމުން މިނިސްޓްރީން ބުނީ މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހިންގާ ކޮންމެ ހަރަކާތެއް އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ހިލާފުނުވާ ގޮތުގެ މަތިން ހިންގާ ހަރަކާތަކަށް ވުމަކީ ލާޒިމުކަމެއް ކަމަށެވެ.

ހަމައެހެންމެ ހަރަކާތްތަކުގައި ބޭނުންކުރާ ކޮންޓެންޓަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނުތަކާ ފުށުއެރުމެއް ނުވާ ތަކެތިކަން ކަށަވަރުކުރުމަކީ އެ ހަރަކާތެއް ރާވައި އިންތިޒާމުކުރާ ފަރާތެއްގެ ޒިންމާއެއް ކަމަށް މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ އިސްލާމްދީނާއި ދިވެހިރާއްޖޭގައި ހެދިފައިވާ ގާނުނުތަކާއި ހިލާފަށް މަތީ ތައުލީމާއި ތަމްރީނުދޭ މަރުކަޒަކުން ހަރަކާތެއް ހިންގައިފިނަމަ "ދިވެހިރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނު" އާއި އެ ގާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކުގެ ދަށުން އެމަރުކަޒަކާމެދު ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ.