ރާއްޖޭގައި ތިބޭ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި، އިދިކޮޅުން ކުރިއަށް ގެންދާ ހަރަކާތުގެ ދަށުން، "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ނުވަތަ "އިންޑިއާއައުޓް" ޕެޓިޝަނަށް ސޮއިހޯދުމުގެ ގޮތުން އަންނަ ހަފްތާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރަށްރަށަށް ދަތުރުކުރައްވަން ފައްޓަވާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނެފިއެވެ.

ރޭ އިދިކޮޅު ކޯލިޝަނުން ބޭއްވި ޕީޕީއެމް/ޕީއެންސީ ޖަގަހަ ޖަލްސާގައި ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލޭ ކައުންސިލަރު އިބްރާހީމް ޝުޖާއު ވިދާޅުވީ، މި ޕެޓިޝަނަށް ސޮއި ހޯދުމަށްޓަކައި ޔާމީނާއެކު އިދިކޮޅު ކޯލިޝަންގެ އިސްވެރިން ރަށްރަށަށް ދަތުރު ކުރައްވާނެ ކަމަށެވެ. ނަމަވެސް ރޭގެ ޖަލްސާގައި ދަތުރުތައް ފަށާނެ އިރެއް ޝުޖާއު ވިދާޅެއްނުވެއެެވެ.

"އަޅުގަނޑުމެން އަތޮޅު ތެރޭގެ ރަށްރަށަށް އެބަ ދަން ރައީސް ޔާމީނާ އެކީގައި. ތިޔަ ރައްޔިތުން މިވަގުތުން ފެށިގެން ކުރަންވީ ކަމަކީ އަޅުގަނޑުމެން މި ކޯލިޝަނުން ރައީސް ޔާމީން އިސްވެ ހުންނަވައިގެން އުފައްދަވައިފައި އޮތް މިނިވަންކަމުގެ ދިފާއުގައި ދިވެހިން މި ޕެޓިޝަނަށް ސޮއި ހޯދުން." ޝުޖާއު ވިދާޅުވިއެވެ.

މިއީ މަނީ ލޯންޑަރިންގެ ކުށުގެ މައްސަލާގައި ދެ އަހަރު ދުވަހު ބަންދުގައި ހޭދަކުރެއްވުމަށް ފަހު، ރަށްރަށަށް ޔާމީން ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ.

މިކަމާ ގުޅިގެން ޕީޕީއެމްގެ ސްޕޯކްސްޕާސަން ހީނާ ވަލީދު "ދަ ޕްރެސް" އަށް ވިދާޅުވީ، ޕެޓިޝަނަށް ސޮއި ހޯދުމަށްޓަކައި މިހަފްތާގެ ފަހުކޮޅު ނުވަތަ އަންނަ ހަފްތާގައި ޔާމީން ދަތުރުފުޅުތައް ފައްޓަވާނެ ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ވަޑައިގަންނަވާނީ މާލެ އަތޮޅުގެ ރަށްރަށަށް ކަމަށާއި، އެއަށްފަހު މުޅި ރާއްޖެއަށް މިހަރަކާތް އިދިކޮޅުން ފުޅާކުރާނެ ކަމަށް ހީނާ ވިދާޅުވިއެވެ.

ހަމަ އެއާއެކު، ރަށްރަށުގައި މި ޕެޓިޝަނަށް ސޮއި ހޯދުމާ ގުޅޭގޮތުން ހީނާ ވިދާޅުވީ، އެކަން ކުރިއަށް ގެންދާ ގޮތަށް ހަމަޖެހިފައި ވަނީ ރަށްރަށުގައި ތިބި އިދިކޮޅު ކޯލިޝަންގެ ސްޓީރިން ކޮމިޓީތަކާ ގުޅިގެން ކަމަށާއި، އަމާޒަކީ ސިޔާސީ ހަރަކާތްތައް އިތުރަށް ވަރުގަދަކުރުން ކަމަށެވެ.

"މައިގަނޑު ބޭނުމަކީ ސިޔާސީ ހަރަކާތްތައް ފުޅާކުރުން." ހީނާ ވިދާޅުވިއެވެ.

މިދިޔަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ޔާމީން ވަނީ އިންޑިއާއައުޓް ކެމްޕޭނަކީ އެމަނިކުފާނުގެ އިރުޝާދުގެ ދަށުން ފެށި ކެމްޕޭނެއް ކަމަށް ވިދާޅުވެ، އެ ކެމްޕޭނުގެ ޒިންމާ އުފުއްލަވާފައެވެ.

އެ ޖަލްސާގައި ޔާމީން ވަނީ، އިންޑިއާ ސިފައިން ރާއްޖޭން ފޭބުމަށް ގޮވާލައްވާފައެވެ. އަދި ރާއްޖެއަކީ އިންޑިއާގެ އަވަށެއް ނޫން ކަމަށާއި ރާއްޖެ ބެލެހެއްޓުމުގެ ނަމުގައި ރާއްޖޭގައި އިންޑިއާ ސިފައިންނަށް ނުތިބެވޭނެ ކަމަށާއި އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި އެއްވެސް ޖާގައެއް ނެތް ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އިންޑިއާ އަސްކަރިއްޔާ ޖެހޭނީ ރާއްޖެއިން ފައިބަން. އިންޑިއާގެ އަސްކަރިއްޔާއަށް ރާއްޖޭގައި ޖާގައެއް ނެތް. މިހާރު ރަސްމީކޮށް އަޅުގަނޑު މި ދަންނަވަނީ. ކުރީގެ ރައީސްކަން ކޮށްފައި ހުންނަ މީހެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. ޕީޕީއެމް އާއި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން މި ދަންނަވަނީ. އެތައް ސަތޭކަ ބަޔަކު ތަމްސީލުކުރާ ލީޑަރެއްގެ ހައިސިއްޔަތުން މި ދަންނަވަނީ. އަޅުގަނޑުމެން ބޭނުމެއް ނުވޭ އިންޑިއާގެ މިލިޓަރީގެ އެންމެ މީހެއްވެސް އެންމެ ބޫޓްގެ އޯޑަރެއްވެސް އަޅުގަނޑުމެންގެ މި ފަސްގަނޑުގައި ހުންނާކަށް ބޭނުމެއް ނުވޭ
އަބްދުالله ޔާމީން އަބްދުލްގައްޔޫމް, ކުރީގެ ރައީސް އަދި އިދިކޮޅު ޕީޕީއެމްގެ ލީޑަރު

އެ މައުޟޫގައި އިތުރަށް ޔާމީން ވިދާޅުވީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރަކީ ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ގަވަރުނަރު ނޫން ކަމަށާއި އަދި މިއީ އިންޑިއާގެ ޓައުނެއްވެސް ނޫން ކަމަށެވެ.