ކޮވިޑްގެ އާވޭރިއަންޓް އޮމިކްރޯން އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި މިހާރު ފެތުރެމުންދާ ކަމަށް އެގައުމުގެ ހެލްތް މިނިސްޓަރު ސާޖިދް ޖާވިދް ވިދާޅުވެއްޖެއެވެ.

އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ވާހަކަ ދައްކަވަމުން ޖާވިދް ވިދާޅުވީ، އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުން މި ވޭރިއަންޓް ކޭސްތައް ފެނިފައިވާ ކަމަށާ، އެއްވެސް ދަތުރެއް ނުކުރާ މީހުންގެ ގައިން ވެސް އާ ވޭރިއަންޓް ފެނިފައިވާ ކަމަށެވެ. މިކަމުން ދޭހަވަނީ މި ވޭރިއަންޓްގެ ކޮމިއުނިޓީ ޓްރާންމިޝަން އެއް މިހާރު އެގައުމުގައި އޮތް ކަން ކަމަށް ވެސް އިނގިރޭސި ހެލްތް މިނިސްޓަރު ވިދާޅުވިއެވެ.

އިންގްލޭންޑުން މިހާތަނަށް އޮމިކްރޯންގެ 261 ކޭސް ފެނިފައިވާ އިރު ސްކޮޓްލޭންޑުން 71 އަދި ވޭލްސްއިން 4 ފެނިފައިވާ ކަމަށް ވެސް ޖާވިދް ވިދާޅުވިއެވެ.

އޮމިކްރޯންގެ ކޭސްތައް ފެނުނު ނަމަވެސް އިނގިރޭސިވިލާތުގެ ކޮވިޑްގެ ހާލަތު އިތުރަށް ގޯސްވެގެން ދާނެ ކަން ބުނަން އަދި އަވަސް ކަމަށް ވެސް އިނގިރޭސި ހެލްތް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހާލަތު ގޯސްވިޔަ ނުދިނުމަށް ސަރުކާރުން ފިޔަވަޅުތައް އަޅާނެ ކަަމަށާ އޮމިކްރޯންގެ ސަބަބުން ކުރިމަތިވެދާނެ މައްސަލަތައް އިނގިރޭސި ސައިންސްވެރިން މިހާރު ދިރާސާ ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މިދިޔަ މަހުގެ ފަހުކޮޅު ދެކުނު އެފްރިކާއިން ފުރަތަމަ ރިޕޯޓް ކުރި އޮމިކްރޯން ވޭރިއަންޓްގެ ސަބަބުން އިނގިރޭސިވިލާތުން ވަނީ އެގައުމަށް ޒިޔާރަތްކޮށްފައި ދާ ފަރާތްތަކުން ފުރުމުގެ ކުރިން ކޮވިޑް ޓެސްޓެއް ހަދަން ޖެހޭނެ ކަމަށް ނިންމާފައެވެ. މީގެ އިތުރުން، އެފްރިކާގެ 11 ގައުމަކުން އިނގިރޭސިވިލާތަށް އަންނަ ދަތުރުވެރިން ކަރަންޓީނުވާން ޖެހޭނީ ހޮޓަލުތަކުގައި ކަމަށް ވެސް އިނގިރޭސި ސަރުކާރުން ވަނީ ކަނޑައަޅާފައެވެ.